11 Mar 2017, 11:37
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ފްރާންސްގެ ޕީއެސްޖީ އަތުން 6-1 ލަނޑުން ބާސެލޯނާ މޮޅުވި މެޗުގައި ބާސާގެ އެޓޭކިންގައި އެންމެ ބޭކާރުކޮށް ފެނިގެން ދިޔައީ އެ ޓީމުގެ ސުޕަރސްޓާ ލިއޮނަލް މެސީ ކަމަށް ފްރާންސްގެ ކުރީގެ ކޯޗު ރޭމަން ޑޮމެނެކް ބުނެފިއެވެ.
މެސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން، ފްރާންސްގެ ކުރީގެ ކޯޗު ބުނީ، ބާސާފަދަ ވަރުގަދަ ކްލަބަކަށް ބަލާއިރު މެސީގެ ބޭނުން މިހާރު ކެނޑެމުންދާ ކަމަށާއި ކްލަބުގެ ހައިރާކީއަށް ބަލާއިރު، ނޭމާއާއި ސުއަރޭޒްގެ ބޭނުން މާބޮޑަށް ވެސް އެޓޭކިންގައި ހިފެމުންދާ ކަމަށެވެ.
ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމާއި ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ، ހުނަރުވެރި ފޯވާޑާ ގުޅޭގޮތުން ޑޮމެނެކް އެފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އަދި މިހާތަނަށް މެސީ ދަނީ އޭނާއަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއްކަން ހިފެހެއްޓުމެއް ނެތި ސާބިތުކޮށްދެމުންނެވެ. އެގޮތުން މި ސީޒަންގައި މެސީ ކުޅުނު 38 މެޗުން އޭނާ ވަނީ 39 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފްރާންސްގެ ކުރީގެ ކޯޗު ރޭމަން ޑޮމެނެކް ގަބޫލުކުރާ ގޮތުގައި މެސީގެ އަލިކަން މިހާރު ދަނީ ފަނޑުވަމުން --
ޑޮމެނެކް ގަބޫލުކުރާ ގޮތުގައި ގަދަ 16ގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0ގެ ތަފާތަކުން ބަލިވި ނަމަވެސް، ދެވަނަ ލެގުގައި 6-1ގެ ތަފާތަކުން ބާސާ މޮޅުވެ ކުއާޓާއަށް ދަތުރުކުރި އެ މެޗުގައި މެސީގެ ފަރާތުން ފެނުނީ ވަރަށް ފަނޑު އަލިކަމެކެވެ.
"ބާސާގެ އެންމެ 'ދަށް' ކުޅުންތެރިއެއްގެ ގޮތުގައި އެ މެޗުގައި ފެނިގެން ދިޔައީ މެސީ. އޭނަ ހުރީ ދަނޑުމެދުގައި، ހީވަނީ ދުވަންވެސް ބޭނުން ނުވަނީހެން،" މެސީއާ ގުޅޭގޮތުން ޑޮމެނެކް ބުންޏެވެ.
"މިއީ އޭނާގެ [މެސީ ގެ] އެންމެ ދަށް ގޭމް. އޭނައަށް ހީވާފަދަ އޭނައޭ ހުރިހާ ކަމެއް އިންތިޒާމްކުރަނީ. އޭނަ ބޭނުންވަނީ ހުރިހާކަމެއް ކުރަން.
"އަހަންނަށް ހީވަނީ އޭނާގެ ނިމުން ކައިރިވެއްޖެހެން."
ޑޮމެނިކް ބުނީ، މިހާރު މެސީގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް މީގެ ކުރީން އޭނާވަނީ ފުޓްބޯޅައިގެ ޖާދޫ ވަރަށް ރަނގަޅަށް ދައްކައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އަދި މެސީގެ ހަނދާންތައް އަބަދުވެސް ފުޓްބޯޅައިގައި ދެމިއޮންނާނޭ ކަމަށެވެ.
ބާސާގެ އެޓޭކިންގައި ނޭމާގެ ފަރާތުން ނޭވާހިފަހައްޓައިލާން ޖެހޭ ފަދަ މޮޅުކުޅުމެއް ފެނިގެން ދާއިރު، ސުއަރޭޒްގެ ކުޅުންވެސް ތަފާތުކަމަށް ޑޮމެނެކް ބުންޏެވެ.
"ނޭމާއާއި ސުއަރޭޒް ދަނީ އެޓޭކިންގައި ވަރަށް މޮޅަށް ކުޅެމުން. އެކަމަކު ސުއަރޭޒަކީ ތަފާތު ކުޅުންތެރިއެއް. އޭނާއަށް ބޮކްސިން އަންގިއެއް ބޭނުންވޭ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީއަތުން 6-1 ލަނޑުން (6-5 އެގްރިގޭޓް) އިން ބާސާ މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އަދި ނޭމާ އުފާފާޅުކުރަނީ. މެސީ ބާސާގައި މަޑުކުރާނޭ ކަމަށް ނޭމާ ބުނޭ -- ފޮޓޯ: ގޯލް
ސްޕެނިޝް ލީގުގައި، މާދަމާ ޑެޕޯޓިވޯއާ ދެކޮޅަށް ބާސާ ނުކުންނައިރު، މެސީގެ ކޮންޓްރެކްޓާ ގުޅިގެން އެޓީމު ތެރޭގައި މައްސަލަތަކެއް އުފެދިފައިވާކަމަށްވެސް ޑޮމެނެކް ފާހަގަކުރިއެވެ.
"މެސީގެ ކޮންޓްރެކްޓް އިތުރުކުރުމާ ގުޅޭގޮތުން ޓީމުތެރޭގައި މައްސަލަތަކެއް އެބަހުރި. މެސީގެ އުމުރުން 20 އަހަރުގައި ފެނުނު ހަކަތައެއް މިހާރު ނެތް."
"އޭނައަށް ލިބިފައިވާ ހުނަރުތައް ދުވަހެއް ދުވަހަކަށް ދަށްވަމުންދާތަން ގަބޫލުކުރަން އުނދަގޫ. އޭނާއަށް ވުރެ ރަނގަޅަށް ނޭމާ ހިލޭޖެހުންތައް ޖަހާއިރުވެސް އެ ފުރުސަތު ނޭމާއަށް ދޭންވެސް މެސީ އެބަ ދެކޮޅު ހަދާ."
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ޑޮމެނެކް ބުނީ، މެސީގެ އެންމެ މޮޅު އެއް ހުނަރުކަމަށްވާ ކޮށްޓުމުގެ ހުނަރުވެސް މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ޕީއެސްޖީ އަތުން ބާސާ މޮޅުވި ގަދަ16ގެ މެޗުގައި މެސީވަނީ ޕެނަލްޓީއަކުން ލަނޑަ ޖަހައި، އޭނާ އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ލަނޑު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފައެވެ. މީގެ އިތުރުން، ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު (95 ލަނޑު) ޖަހާފައިވާ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ މެސީއާ ދެމެދު މިހާރު އޮތީ އެންމެ ލަނޑެއްގެ ތަފާތެވެ.