އެންޓިކޮރަޕްޝަން ކޮމިޝަނަށް(އޭސީސީ)އަށް މިދިޔަ އަހަރު ހުށައެޅި ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ ރަށު ކައުންސިލްތަކަށް ކަމަށް އެކޮމިޝަންގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމީ 829 މައްސަލަ އެވެ. މިދިޔަ އަހަރު އެކޮމިޝަނަށް ހުށައެޅި 700 އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 349 މައްސަލަ ރައްދުވަނީ ރަށު ކައުންސިލްތަކަށެވެ.

ދެން އެންމެ ގިނަ މައްސަލަ ރައްދުވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 110 މައްސަލަ އެކޮމިޝަނަށް ހުށައަޅާފައިވާ އިރު އެޑިއުކޭޝަން މިނިސްޓްރީއާ ގުޅޭ 97 މައްސަލައެއް ވަނީ ހުށައަޅައިފަ އެވެ.

ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި އާއިލާއަކަށް ފައިދާވާގޮތަށް އަމަލުތައް ކުރާކަމަށް ކައުންސިލްތަކަށް ބޮޑެތި ތުހުމަތުތައް މިހާތަނަށް ކުރެވިފައިވެ އެވެ.

ލޯކަލް ކައުންސިލް ނިޒާމެއް ރާއްޖޭގައި ތަންފީޒު ކުރަމުންއަންނައިރު ދެ ދައުރެއް ނިމި ތިން ވަނަ ދައުރަކަށް މެމްބަރުން ހޮވުމަށް އަންނަ މަހު އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.