01 Jul 2011, 21:22
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށްޓަކައި ވަރަށް އަވަހަށް ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރުމާ އެކު، ރަށްރަށުގެ ސިއްހީ އިދާރާތަކާ ގުޅައިގެން އެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ހަވާލުކުރައްވައިފި އެވެ.
ޑެންގީ ހުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތުތައް، ލޯކަލް ގަވާމަންޓް އޮތޯރިޓީން ރަށްރަށުގެ ރަށު ކައުންސިލުތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތްވެސް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ބޭނުންވާ މައުލޫމާތުތައް ދިނުމުގައި ހުރިހާ ފަރާތްތަކުން ވެސް ސައްހަ ތެދު މައުލޫމާތު ދިނުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެ އެވެ.
"އެ ދެއްވާ މައުލޫމާތަކީ، ފަހުން ބައްލަވާއިރު، ސައްހަ ނޫން މަޢްލޫމާތަކަށް ވެއްޖެ ނަމަ، އެ މައުލޫމާތު ދެއްވި ފަރާތަކާ މެދު، ކަމާ ގުޅުން ހުރި އިދާރާތަކުން ފިޔަވަޅު އެޅުއްވުމަށްވަނީ ނިންމަވާފަ އެވެ،" ނޫސްބަޔާނުގައިވެ އެވެ.
ރާއްޖޭގައި ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާތީ، ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރައީސް ނަޝީދު ވަނީ ގައުމީ ޓާސްކްފޯހެއް އެކުލަވާލައި އަމަލީ މަސައްކަތްތައް ފައްޓަވައިފަ އެވެ. އެ ޓާސްކް ފޯސްގެ މަސައްކަތް ހިނގަމުންދަނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޑެންގޫ ހުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސިފައިންނާ ހަވާލުކޮށްފައި މިވަނީ، ރައީސް ނަޝީދުގެ އެންގެވުމުގެ މަތިން އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސްގެ ބައެއް މަސައްކަތްތަކާވެސް ސިފައިން ހަވާލުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ގަވައިދާ ހިލާފަށް ރާއްޖޭ ބިދޭސީން އެތެރެވާ ގޮތްތައް ހޯދުމަށް ސިފައިން ދަނީ އެދެ އިދާރާތެރޭ މަސައްކަތް ކުރަމުންނެވެ.