މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ ކޮމެޑީ އިތުރުން އެހެނިހެން ރަހަތައް ވެސް ފިލްމުގައި ހިމެނޭ، "ނޯޓީ 40"ގެ ޝޫޓިންގައި އުޅެނިކޮށް އެކްޓަރު އަލީ ސީޒަން އަށް ލިބުނު އަނިޔާގެ ސަބަބުން ދެ ދުވަހަށް ޝޫޓިން އަށް ދުރަށް ދާން ޖެހިއްޖެ އެވެ.

"ނޯޓީ 40"ގެ ކުރޫ ށ. މިލަންދޫގައި ފިލްމުގެ މަންޒަރުތައް ޝޫޓް ކުރަމުން ދަނިކޮށް ސީޒަން އަށް އަނިޔާވެފައި ވަނީ އިއްޔެ ހަވީރު ފިލްމުގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގަ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަހުމަދު ސައީދު ބުނީ، ސީޒަން އަށް އަނިޔާވެފައި ވަނީ ފިލްމުގެ އެކްޝަން މަންޒަރެއް ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ.

"ފިލްމުގެ އެކްޝަން މަންޒަރެއް ނަގަން އުޅެނިކޮށް ފުދޭ ވަރަކަށް މަތިން ސީޒަން ވެއްޓުނީ. އަތަށް ހުރި ގެއްލުންތަކެއް ލިބިފައި،" ސައީދު ބުންޏެވެ.

ޝޫޓިންގެ ތެރެއިން ސީޒަންގެ އަތަށް ވަނީ ގެއްލުން ތަކެއް ލިބިފައި--- ފޮޓޯ/ ނޯޓީ 40 ޓީމު

ސައީދު ބުނީ، މިލަންދޫ ހޮސްފިޓަލުން ފަރުވާ ދީފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ ދުވަހު ފިލްމުގެ ޝޫޓިންއާ ސީޒަން އަށް ދުރަށްދާން ޖެހޭ ކަމަށެވެ. އަދި މަތިން ވެއްޓުމުގެ ސަބަބުން އަތުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ގައިގައި ރިއްސާތީ ބެޑް ރެސްޓް ކުރަން ޖެހޭ ކަމަށް ވެސް ސައީދު ބުންޏެވެ.

ސީޒަންގެ އިތުރުން ފިލްމުގެ އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އަށް ވެސް ވަނީ އިއްޔެ އަނިޔާ ވެފަ އެވެ. ނަމަވެސް ޖިމީ އަށް މާ ބޮޑެތި އަނިޔާތަކެއް ނުލިބޭ ކަމަށް ސައީދު ބުންޏެވެ.

"ޖިމީ އަށް ވެސް އަނިޔާ ލިބުނު. އެކަމު ސީޒަން އަސް ލިބުނު އަނިޔާ އަށް ވުރެ ކުޑަ،" ސައީދު ބުންޏެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ "ނޯޓީ 40"ގެ މިލަންދޫގައި ޝޫޓް ކުރާ ބައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ނިންމާ ލެވޭނެ ކަމަށް ވެސް ސައީދު ބުންޏެވެ.

ފިލްމުގެ ހާއްސަ ފެނިލުމަކުން ފެނިގެންދާ ނިއުމާ ވަނީ ޝޫޓިން ނިންމާލުމަށް ފަހު މިދިޔަ ހަފްތާގެ ތެރޭގައި މާލެ އައިސްފަ އެވެ.

ފިލްމީ ދާއިރާގެ ތަޖުރިބާ ކާރު ތަރިންނާއި މިހާރު އަރަމުން އަންނަ ތަރިންގެ އިތުރުން މުޅިން އަލަށް ފިލްމީ ދާއިރާ އަށް ތައާރަފް ވެގެންދާ ތަރިންނާ އެކު ބޮޑު ކާސްޓެއް ހިމެނޭ "ނޯޓީ 40"ގެ މަސައްކަތް ތައް އެއްކޮށް ނިންމާލުމަށް ފަހު ބެލުންތެރިންނާ ހަމައަސް އަންނާނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު އެވެ.