11 Mar 2017, 11:29
ހުސްއަތާ ސީޒަން ނިންމާލަން ޖެހިއްޖެނަމަ، މިސީޒަން ވެގެންދާނީ ނާކާމިޔާބު ސީޒަނަކަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަންގެ ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އިނގިރޭސިވިލާތުގެ ސިޓީއާ މިސީޒަނުގައި ހަވާލުވީ އެޓީމަށް ވެސް ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައެވެ.
ޕްރިމިއާ ލީގު ހޯދުމަށް ގިނަ ހުރަސްތަކަކާ ސިޓީއަށް ކުރިމަތިލާން ޖެހުނަސް، އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ އުންމީދު އަދި އެޓީމަށް ގެއްލިފައެއް ނުވެއެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިއަދު މިޑްލްސްބަރާއާ ދެކޮޅަށް ސިޓީ ނުކުންނަން ޖެހޭއިރު، ޗެމްޕިއަންސް ލީގު ގަދަ އަށަކުން ޖާގައެއް ހޯދުމަށް އެޓީމު ވަނީ ފިޔަވަޅެއް ކުރިއަށް އަރައިފައެވެ.
"އަހަރެންގެ މާޒީ އަދި ކާމިޔާބަށް ބަލާއިރު އަހަރެންގެ ފެންވަރަކީ ކޮބައިކަން އެނގޭ. އަހަރެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ ކޮބައިކަމާއި އެކަން ކުރަންޖެހޭނެ ގޮތް އަހަރެންނަށް އެނގޭ. މީހުން ބަލާނީ ހޯދާ ނަތީޖާއަށް. އެއްވެސް ކާމިޔާބެއް ނުހޯދިއްޖެނަމަ، ސީޒަނަކީ ކާމިޔާބު ސީޒަނެއްގެ ގޮތުގައެއް ނުބެލެވޭނެ. އޮގަސްޓްމަހު ކްލަބާ ހަވާލުވިއިރު ވެސް އަހަރެންނަށް އެކަން އެނގޭ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ، ސިޓީއަށް އެއްވެސް ކާމިޔާބެއް ހޯދައިނުދެވިއްޖެނަމަ އެކްލަބުގައި އެހާ ދިގު މުއްދަތެއްގައި ދެމިނުހުރެވޭނެ ކަމަށާއި ކޯޗެއްގެ އެންމެ މުހިންމު ކަމަކީ ނަތީޖާ ނެރުން ކަމަށެވެ. އަދި ނަތީޖާ ނެރެވޭނީ އެޓީމެއް ދައްކާ ކުޅުމަކުން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޯޗެއްގެ ގޮތުގައި ގާޑިއޯލާ ވަނީ ޖެހިޖެހިގެން ތިންފަހަރު ބާސާ އަދި ބަޔާންއަށް ވެސް ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ގާޑިއޯލާއަށް ޗެމްޕިއަންސް ލީގު ހޯދިފައިވަނީ ދެ ފަހަރެވެ. އެ ދެފަހަރު ވެސް އޭނާއަށް ޗެމްޕިއަންސް ލީގު ހޯދިފައިވަނީ ބާސާއާއެކުއެވެ.