ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ޖަޕާނަށް ވަޑައިގަންނަވާތީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް އެ ގައުމުން ތައްޔާރުވެއްޖެ އެވެ.

ޖަޕާނުގެ ނޫހެއްގައި ބުނެފައި ވަނީ އެގައުމުގެ ވެރިރަށް ޓޯކިޔޯއިން ސަލްމާން ރަސްގެފާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރަސްގެފާނުގެ ދަތުރުފުޅުގައި އެކުގައި ވަޑައިގަންނަވާ ބޭފުޅުންގެ ސީދާ އަދަދު ޖަޕާން ދަރުކާރަށް ވެސް ނޭނގޭ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުން ސަލްމާން ރަސްގެފާނު އަރިހުގައި 10 ޕްރިންސުން އަދި 10 ކެބިނެޓް މިނިސްޓަރުންނާ އެކު ޖުމްލަ 1000 މީހުން ޖަޕާނަށް ވަޑައިގަންނަވާނެ ކަމަށް ވެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިޒޯ އަބެއާ އެކު މަޝްވަރާ ބައްދަލުުންތަކެއް 13 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި އިގްތިސާދީ ގޮތުން ދެ ގައުމު ގުޅިގެން 2030 ވަނަ އަހަރާ ހަމައަށް ކުރިއަށް ދާނެ ގޮތުގެ ތަސައްވަރެއް އެކުލަވާލަން ހަމަޖެހިފައިވާ ކަމަށް ވެސް ޖަޕާނު ސަރުކާރުން ބުންޏެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ލަގްޒަރީ ހޮޓަލަކުން 1200 ކޮޓަރި ރަސްގެފާނާއި އަރިހުގައި ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ހާސްކޮށް ވަނީ ބުކް ކޮށްފަ އެވެ. އަދި 400 ކާރު ވެސް ރިސާވް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސައުދީގެ ކުރީގެ ރަސްގެފާނު ފައިސަލް 1971 ވަނަ އަހަރު ޖަޕާނަށް ވަޑައިގެންފަހުން ސައުދި ރަސްގެފާނަކު އެގައުމަށް ކުރައްވާ މިއީ ފުރަތަމަ ދަތުރު ފުޅެވެ.

ޖަޕާނަށް ފަހު ޗައިނާ އަށް އަދި އޭގެފަހުން ދިވެހި ރާއްޖެއަށް ވެސް ސަލްމާން ރަސްގެފާނު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.