11 Mar 2017, 09:48
ވޮޝިންޓަން (މާޗް 11): ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވައިޓް ހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.
ރައީސް ޓްރަމްޕް އެދައުވަތު ދެއްވީ ފަލަސްތީނުގެ ރައީސާ އިއްޔެ ފޯނުން ވާހަކަ ދައްކަވަމުންނެވެ. އެއީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މިދިޔަ މަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވައިޓްހައުސްއަށް ޒިޔާރަތް ކުރައްވައިފަ އެވެ. ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް ވަނީ ދެ ދައުލަތް ގާއިމުކޮށްގެން ފަލަސްތީނާއި އިސްރާއީލަށް ސުލްހަ ގެނައުމާ ބެހޭ ހިޔާލު ދޫކޮށްލައްވައިފި ކަމަށް ވިދާޅުވެފަ އެވެ.
އަދި އިސްރާއީލުން ފަލަސްތީނުގައި މީހުން އާބާދު ކުރުން 'ކުޑަކޮށް މަޑުޖައްސާލުމަށް' ޓްރަމްޕް ގޮވާލެއްވި އެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު އެންމެ ފަހުން ސުލްހައިގެ ވާހަކަތައް ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެމެރިކާއިން މެދުވެރިވެގެންނެވެ.
ރައީސް އައްބާސް ވައިޓް ހައުސްއަށް ވަޑައިގަތުމުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ކަމަށް ފަލަސްތީނުން ބުނެ އެވެ. (ބީބީސީ)