11 Mar 2017, 09:23
ރާއްޖޭގައި އެއާޕޯޓްތައް އިތުރުވަމުންދާއިރު ފުލައިޓްތައް އިތުރުކޮށްގެން އެކަށޭނަ ހިދުމަތެއްދޭނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފި އެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގައި އިތުރު ފަސް އެއާޕޯޓެއް އެޅުމަށްހަވާލުކޮށްފަ އެވެ. މިހާރު ރާއްޖޭގައި 11 އެއާޕޯޓެއް އޮޕަރޭޓްކުރާއިރު ދ. ކުޑަހުވަދޫ އެއާޕޯޓް މިމަސްތެރޭގައި ހުޅުވުމަށް ވަނީ ނިންމައިފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްހާރިސް ސަން އަށް ވިދާޅުވީ އެކަށޭނަ ހިދުމަތެއް ދޭނެ ކަމަށާއި އެކަން ކުރުމަށް ފުލައިޓް އިތުރުކުރާނެ ކަމަށެވެ.
"އެއާޕޯޓްތައް އިތުރުވަމުންދާ ވަރަކަށް އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުކުރަމުންދާނީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރައްތައް އުފެދިފައި ހުންނަގޮތުން ވައިގެ ދަތުރުތަކަކީ ވަރަށް މުހިންމު އެއްޗެއް،" ހާރިސް ވިދާޅުވި އެވެ.
ޓޫރިސްޓުން އުފުލުމަކީ މޯލްޑިވިއަންގެ ޒިންމާއަކަށްވާ އިރު ޓޫރިޒަމް ފުޅާވާވަރަކަށް މޯލްޑިވިއަންގެ ފުލައިޓްތައް އިތުރުކުރަމުން އަންނަ ކަމަށް ވެސް ހާރިސް ވިދާޅުވި އެވެ. މިހާރު މޯލްޑިވިއަންއިން 20 ފުލައިޓް އޮޕަރޭޓް ކުރެ އެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ކެޕޭސިޓީ އިތުރުކުރާނެ ކަމަށް އެކުންފުނިންބުނާއިރު އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމާއި ފުލައިޓް ޑިލޭވުމުގެ މައްސަލައަކީ ބޮޑު ޝަކުވާއެކެވެ.
ހާރިސް ވިދާޅުވީ ދިވެހިން ކުރިއާލާ ޓިކެޓު ނެގުމުން އަގުހެޔޮކޮށް ފެއާގައި ޓިކެޓު ވިއްކަމުން އަންނަ ކަމަށެވެ.
ޓޫރިސްޓުންނަށް މޯލްޑިވިއަންއިން އަގުބޮޑުކޮށް ޓިކެޓު ވިއްކުމުގެ ޝަކުވާއަށް ހާރިސް ކުރިން ވިދާޅުވެފައިވަނީ ފަތުރުވެރިކަން ކުރިއެރުމަކީ މޯލްޑިވިއަން އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި އެހެންކަމުން ޓޫރިޒަމް ވިޔަފާރި ރަނގަޅު ކުރުމަށް މޯލްޑިވިއަންނާ ވާހަކަ ދެއްކުމުން އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.