ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޗޯ "މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއްގެ ގާލާ ރައުންޑުގެ ގަދަ 11 ބައިވެރިންގެ ހިތްގައިމު ރީތި ލަވަތަކަށް ފަހު ގަދަ 10 އެއް ހޮވުމަށްޓަކައި އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގާލާ ރައުންޑުގެ ދެވަނަ ޝޯގައި ލަވަ ހުށަހަޅައިދިން 11 ބައިވެރިންނަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވިފައި ވަނީ މިއަދު މެންދުރު ފަހު 3 ޖެހުމާ ހަމައަށެވެ. ވޯޓުލުމަށް ޓަކައި، MI ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި، އެ ބައިވެރިއެއްގެ ނަން ޖެހުމަށް ފަހު 303 އަކަށް އެސްއެމްއެސް ކުރެވޭނެ އެވެ. ކުރާ ކޮންމެ އެސްއެމްއެސް އަކަށް ތިން ރުފިޔާ ޗާޖް ކުރާނެ އެވެ.

ރޭގެ ޝޯގައި ތީމް އެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ޅެންވެރިކަމެވެ. ހުރިހާ ބައިވެރިން ވެސް ވަނީ ޖަޖުންގެ ހިތްތައް ފަތަހަ ކޮށްލުމަށް ޓަކައި ޗާލު ލަވަތަކެއް ހުށަހަޅައިދީފަ އެވެ.

ކޮންމެ ބައިވެރިޔަކު ވެސް ލަަވަ ހުށަހަޅައި ނިމުން ޖަޖުން ވަނީ އެ ޕާފޯމެންސްއަކަށް ކޮމެންޓް ވެސް ކޮށްފަ އެވެ.

ރޭގެ ޝޯގައި ލަވަ ހުށަހަޅިދިން 11 ބައިވެރިންނަކީ:

1.އަބްދުﷲ ޝަމްވީލު

2. މުހައްމަދު ރީހާން

3. ޝަޒާ އަބްދުﷲ ރަޝީދު

4. ހުސައިން އިރްފާން (ޒަކިއްޓޭ)

5. އަހުމަދު ނަބީލް

6. އަބްދުﷲ ހިޝާން

7. އައިޝަތު ޖައިޝާ

8. ހަމޫދު އަހުމަދު (އަލްވިން)

9. މުހައްމަދު ތަސްނީމް

10. މުހައްމަދު ފަރަޝް

11. އިބްރާހީމް ވަހީދު (ބޮޑުބެ)

ރޭގެ ޝޯގައި ލަވަ ހުށަހައިދިން 11 ބައިވެރިންގެ ބައިވެރިންގެ ތެރެއިން ޖަޖުންގެ 50 ޕަސެންޓް މާކްސް އަދި ބެލުންތެރިން 50 ޕަސެންޓް ވޯޓާ އެކު، އެންމެ ގިނަ ޕޮއިންޓް ލިބޭ ބައިވެރިން ހިމެނޭހެން ގާލާ ރައުންޑުގެ ތިންވަނަ ޝޯ އަށް ދަތުރުކުރާ ގަދަ 10 ބައިވެރިން ކަނޑައެޅުން އޮންނާނީ މިރޭ އޮންނަ އެލިމިނޭޝަން ނައިޓުގަ އެވެ. މި ޝޯ ޕީއެސްއެމް އިން މިރޭ 10:30 ގައި ދައްކާނެ އެވެ.

ގާލާ ރައުންޑުގެ ޝޯތަކާއެކު ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަން ވެސް އަންނަނީ ފެންނަމުންނެވެ. އަދި އައިޑިލް އަކަަށް ވުމަށް ކޮންމެ ބައިވެރިޔަކު ވެސް ކުރާ ބުރަ މަސައްކަތުގެ ޖޯޝާއި ފޯރި ވަނީ އައިޑޮލްގެ ތެރޭގައި ރަނގަޅަށް ވެސް ހިފާލާފަ އެވެ.