އެމްޑީޕީގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުޅުނު ފުޓުބޯޅަ މެޗުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޖާޒީ ނީލަން ކިޔަން އެދިފައެއް ނޯންނާނެ ކަމަށް ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެމަނިކުފާނުގެ ޖާޒީ ނީލަން ކިޔަން ނިންމީ ޓައިނީ ހާޓްސްއިން އެކަމަށް އެދުމުން ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ހާވީރު ނޫހުގައި ވިދާޅުވެފައިވާތީ، އެކަން ދޮގުކޮށް، އެޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނަަނީ، ރައީސްގެ ޖާޒީ ނީލަންކީ އެ ޖަމިއްޔާއިން ބޭނުން ވެގެނެއް ނޫން ކަމަށެވެ.

"ނަމަވެސް، ޕްރެސް ސެކްރެޓަރީގެ ވާހަކަފުޅުގައި ރައީސްގެ ޖާޒީ ނީލަން ކިޔަފައިވަނީ ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް ބޭނުން ވެގެން ކަމަށް ވިދާޅުވެފައިވާތީ ޖަމްއިއްޔާއިން ހިތާމަކުރަމެވެ. އަދި ދަންނަވަމެވެ. ރައީސްގެ ޖާޒީ ނީލަން ކިޔުމަށް ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އިން އެމްޑީޕީގެ ކިބައިން ނުވަތަ ރައީސްގެ އަރިހުން ވެސް އެދިފައެއް ނުވާނެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެ ފުޓްބޯޅަ މެޗް އިންތިޒާމް ކުރުމުގައި ޓައިނީ ހާޓްސް އިން އެއްވެސް ހިޔާލެއް ދީފައި ނުވާނެ ކަމަށާއި އެ ޖަމިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ޕްރެސް ސެކްރެޓަރީއާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާއި ސަރުކާރާ ދެމެދު ކުޅުނު އެކުވެރިކަމުގެ ފުޓުބޯޅަ މެޗުގައި ރައީސް ނަޝީދުގެ ޖާޒީކޮޅު ނީލަން ކިޔަން ނިންމީ ޓައިނީ ހާޓްސް އިން ކަމަށާއި އެއީ ރައީސްގެ އިސްނެންގެވުމެއް ނޫން ކަމަށެވެ. އަދި އެދުވަހުގެ "ފުޓުބޯޅަ މެޗުގެ ކަންކަމުގައި "ރައީސް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގަވާފައި ނުވާނެ" ކަމަށް ވެސް ޒުހެއިރު ވިދާޅުވެފައިވެ އެވެ.

ހަބަރު ޝާއިއުކުރި އިރު ޒުހެއިރުގެ ބަހެއް ނުލިބެ އެވެ. ނަމަވެސް، މިރޭ މި ހަބަރާ ގުޅިގެން ސަން އަށް ފަހުން ފޮނުއްވި އެސްއެމްއެސްއެއް ގައި ޒުހެއިރު ވިދާޅުވެފައިވަނީ، ޓައިނީ ހާޓްސް އިން އެބުނާ އެއްޗެކާ މަދު އަލުން ވިސްނާލެއްވުމަށް އެދިވަޑައިގަންނަވައި ކަމަށެވެ.

"ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އެ ވިދާޅުވެވޭ އެއްޗަކަށް އެބޭފުޅުން އަލުން ވިސްނާލެއްވުމަށް ދަންނަވަން.އެއީ އެ ވިދާޅުވެވެނީ ބޭނުންވެނުލައްވާ ގޮތަކަށް ރައީސް ނަޝީދު ހިންގެވި ވިޔަފާރީގެ މުއާމަލާތެއްގައި ބޭނުންވެނުލައްވާ ކަންތައްތަކެއް ހިންގަވައި، ބޭނުންވެ ނުލައްވައި ގޮތަކަށް ޖަމާ ކުރެވުނު ފައިސާތަކަކުން ބޭނުންވެ ނުލައްވާ ތިއްބަވަނިކޮށް، ބޭނުންވެ ނުލައްވައި ބައިކުޅަ ބައެއް ދެން ކޮންމެވެސް ގޮތަކުން ލިބިލެއްވީ ކަމަށް ނުންތޯ؟ މިކަމަކީ އޮޅި ލައްވާ ވަރުގެ އަރަތެއް ނޫން ނުންތޯ؟ ޒުހެއިރު ވިދާޅުވެފައިވެ އެވެ.

އަދި އެ ޖަމިއްޔާ އަށް ވަރަށް ހެޔޮ އެދޭ ކަމަށާއި އެހެންނަމަވެސް، "މުޅިން އެހެން ވާހަކައެއް" ދައްކައިގެން އެ ޖަމިއްޔާއިން ބަޔާނެއް ނެރުނު ކަމީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ޒުހެއިރު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ބުނެފައި އޮތީ ބޭނުންވުމުގެ ވާހަކަ. މި ބޭފުޅުން ]ޓައިނީ ހާޓްސް[ އިން ވިދާޅުވަނީ ނޭދެމޭ. މުޅިން އެހެން ވާހަކައެއް ދައްކަވައިގެން ބަޔާނެއް ނެރުއްވަން ޖެހިލެއްވި ކަމާމެދު ސުވާލު އުފެދޭ. ސަބަބަކީ އެބޭފުޅުން ފިޔަވައި މިކަމުގައި ހަގީގަތްތައް ރައްދުވަނީ ސިޔާސީ ފަރާތްތަކާ." ޒުހެއިރު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާއި ސަރުކާރުގެ ޓީމަކާ ދެމެދު ކުޅުނު މެޗުގައި ޖާޒީ ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 50 ޕަސެންޓް ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ޓައިނީ ހާޓްސް އަށް ކަމަށް އެދުވަހުގެ މެޗްގައި އެމްޑީޕީން ބުނިއިރު، މެޗުގެ ޖާޒީތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ ރައީސް ނަޝީދުގެ ޖާޒީ އަށެވެ. ސަރުކާރު ޓީމުގެ ކެޕްޓަނަކަށް ހުންނެވި ރައީސް ނަޝީދުގެ ޖާޒީ ގަތުމަށް 111،000ރ. ސިރިއަސްގެ ފަރާތުން ހަސަން ނަމަކަށް ކިޔާ މީހަކު ހުށަހަޅާފައިވާކަމަށް އެމްޑީފީން ބުނެފައިވެ އެވެ.