11 Mar 2017, 08:51
ޗެލްސީގެ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަކީ މޮޅު ކުޅުންތެރިއެއްކަން އޭނާ ދަނީ ސާބިތުކޮށްދެމުންނެވެ. އޭގެ އިތުރުން އޭނާގެ ފަރާތުން މަޖާ ކަންތައްތަކާއި ޖޯކެއްގެ ގޮތުގައި ކަންތައްތައް ނެގުމަކީ ވަރަށް އާންމު ކަމެކެވެ. އެންމެ ފަހުން އޭނާ މިވަނީ ޖޯކެއްގެ ގޮތުގައި މޮޅު އެއްޗެކޭ ބުނެފައެވެ. ހަޒާޑް ބުނީ، ޓްރޮފީތަކަށް ޖާގަ ދިނުމަށް ބޮޑު ގެއެއް ގަންނަން ބޭނުންވާ ކަމަށެވެ.
އެންމެ ފަހުން ހަޒާޑަށް ލިބުނު އެވޯޑަކީ މިދިޔަ މަހުގެ ޕްރިމިއާ ލީގުގައި އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑެވެ. އޭނާގެ ގޯލުތަކުގެ ތެރެއިން އެވޯޑު ލިބިފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އާސެނަލް ކޮޅަށް ޖެހި ލަނޑަށެވެ.
ހަޒާޑު ވަނީ 2014-15 ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އޭނާ ވަނީ އެ ސީޒަނުގައި ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޕްލޭޔާސް އެވޯޑް އަދި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފައެވެ.
"ހަގީގަތަށް ބުނަންޏާ އަހަރެންނަކަށް ނޭނގޭ. އަހަރެން ބައެއް ފަހަރު އެ އެއްޗެހި މީހުންނަށް ހަދިޔާކުރަން. ބެލްޖިއަމްގައި އަހަރެންގެ ބައްޕަ އަތުގައި ވެސް ހުންނާނެ. ބައެއް ޓްރޮފީތައް އަހަރެންގެ ގަރާޖުގައި ވެސް ހުންނާނެ. އަހަރެން ބޮޑު ގެއަކަށް ބަދަލުވާން އެބަޖެހޭ. ނޫނޭ، އެއީ ޖޯކެއް. ޓްރޮފީތައް ލިބުމަކީ ވަރަށް ރަނގަޅު ކަމެއް. ހާއްސަކޮށް މެޗުތަކުން މޮޅުވުން،"ޗެލްސީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ހަޒާޑު ބުންޏެވެ.
އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލާ ބެހޭގޮތުން ހަޒާޑް ބުނީ، އަމިއްލަ ދަނޑުގައި އާސެނަލް ކޮޅަށް ލަނޑެއް ޖެހުމަކީ ހާއްސަކަމެއް ކަމަށާއި މުހިންމު ކަމަކީ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށެވެ. އަދި އެކަމާމެދު ވަރަށް އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު ނަމަވެސް، މިސީޒަނުގައި އެޓީމުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ދިހަ ޕޮއިންޓްގެ ލީޑަކާއެކުއެވެ.