10 Mar 2017, 23:36
ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެއަށް ރަން ވަނައެއް ހޯދައިދިން ފުރަތަމަ ފުޓްބޯޅަ ކްލަބު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބުން މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މިރޭ ކުޅުނު މެޗުގައި ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ޓީސީގެ ނާއިޒް ހަސަން (ދާދު) އާއި އިބްރާހިމް ވަހީދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޓީސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
ޓީސީން ދެވަނަ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ދާދު ކާމިޔާބުކޮށްދިންއިރު، މެޗުގެ 67 ވަނަ މިނެޓުގައި ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާފިއުއެވެ.