މާލޭ ލީގުގައި މިއަދު ހަވީރު ކުލަބް އީގްލްސްއާ ވިކްޓަރީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ އީގަލްސްއިންނެވެ. މި ލަނޑު މެޗުގެ ފަސްވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހް މޫސާ އެވެ. ވިކްޓަރީން ފަހަތުން އަރައި އެއްވަރުކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ބުނީ، މެޗުގެ އޮއިވަރަށް ބަލާފައި ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މި މެޗުގައި ވެސް ތަކުރާރުވެގެން ދިޔައީ ކުރީ މެޗުގައިވެސް ތަކުރާރުވި މައްސަލަ ކަމަށެވެ.

" މެޗު ދިޔަ ގޮތަށް ބަލާފައި އަސްލު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ޕޮއިންޓެއް ލިބުނީމަ. ނަމަވެސް މޮޅު ވެވޭނެ މެޗެއްމިއީ،" ސާންތި ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ދެން ސަލާމަތްވެވޭނީ ހުރިހާ މެޗަކުންވެސް މޮޅުވެގެން ކަމަށާއި މި މެޗުން މޮޅު ނުވުމުން، އިތުރު ޕްރެޝަރުތަކަކާ ވިކްޓަރީން ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

" މިއީ އަސްލު މޮޅުވާން ނުކުން މެޗެއް. ވަރަށް ބޮޑު ޕްރެޝަރަކަށް މި ވެއްޓުނީ. ކުރިއަށް މާޒިޔާ މެޗުވެސް އެބައޮތް. ސަލާމަތް ވެވޭނީ ހުރިހާ މެޗަކުން މޮޅުވެގެން،" ސުޒޭން ބުންޏެވެ.

ލީގުގައި އީގަލްސް އިން މީގެ ކުރިން ދެ މެޗު ކުޅެފައިވާއިރު އެޓީމުވަނީ މާޒިޔާއަތުން ބަލިވެ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެފައެވެ. ވިކްޓަރީން މީގެ ކުރިން ލީގުގައި ދެމެޗު ކުޅެފައިވާއިރު އެޓީމުވަނީ ގްރީން ސްޓްރީޓް އަދި ނިއުރޭޑިއަންޓް އަތުން ވެސް ބަލިވެފައެވެ.