ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން، ތަރައްގީ ކުރަން ކުއްޔަށް ދޫކުރެއްވި ރަށްތައް އަދިވެސް ނުނިމޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ޕީޕީއެމުން ނެރޭ ކެންޑިޑޭޓުންތައް އިއުލާން ކުރުމަށް ބްރިޖް ޕްލެޓްފޯމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަންތަން ދެމުން އަންނަނީ "ހަ ފަރާތް" ފެންނަ ގޮތަށް ކަމަށާއި އެމަނިކުފާނުގެ އަމާޒަކީ ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގައި 50 ރިސޯޓު ހުޅުވައި ހިދުމަތްދިނުން ކަމަށެވެ.

ނަމަވެސް މިހާރު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ދެ ރައީސުންގެ ސަރުކާރުތަކުގައި އެގޮތަށް ދޫކުރި ރަށްތަކުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު ދިން ރަށް ރަށް އެބަހުރި މި ގައުމުގެ ބައެއް ވިޔަފާރިވެރިންގެ އަތުގައި އަދިވެސް ތަރައްގީ ނުކޮށް، އެއީ އަޅުގަނޑަށް އެންމެ ގާތުން އެނގޭ ކަންކަން، އެއީ ތިޔަބޭފުޅުންގެ މުދާ ނޫން ކޮން ބައެއްގެ މުދާތޯ؟" ސައީދު ވިދާޅުވިއެވެ.

އެގޮތުން ބައެއް ރަށްތައް 90 އަހަރަށް ދިންއިރު، ބައެއް ރަށްތައް 50 އަހަރަށާއި 25 އަހަރަށް ބައެއް ވިޔަފާރިވެރިންނަށް ދީފައިވާއިރު އެ ރަށްތައް އަދިވެސް ނިމިފައިނުވާތީ ސައީދު ވަނީ ވަރަށް ބޮޑަށް އެކަމާ މެދު ފާޑުވިދާޅުވެފައެވެ.

"ސޮލީބީ ހަނގުރާމަވެރިންގެ ފަންޑުގައި ރައީސް ނަޝީދު ކުރައްވާ ކަމެއް އެ ކުރައްވަނީ. އަޅުގަނޑު މައާފާއެކު އެދެނީ އޭގައި ރައީސް މައުމޫން ވެސް ޖެހުމަކީ ލަދު ގަންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ހެޔޮ ވެރިކަމެއް ކުރެއްވި އަދި ކުރައްވާ ރައީސަކީ ރައީސް ޔާމީން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކުރިއަށްދާ ބިޔަ ބޮޑެތި މަޝްރޫއުތައް ފެނިފައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރަން އިތުރަށް ޝައުގުވެރިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.