ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މާލޭ ސިޓީ ކައުންސިލްގެ އަތުން އަތުލި ބާރުތައް އަނބުރާ ކައުންސިލަށް ދީ އެ ކައުންސިލްގެ މެމްބަރުގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނިހާނު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ޕީޕީއެމުން ނެރޭ ކެންޑިޑޭޓުންތައް އިއުލާން ކުރުމަށް ރޭ ބްރިޖް ޕްލެޓްފޯމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ލިބިގެންވާ ބައެއް ބާރުތައް ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މާލެ ސިޓީ ތަރައްގީ ކުރައްވަން ބޭނުންފުޅު ވެގެން ކަމަށެވެ. އަދި އެބާރުތައް އެނބުރި އެ ކައުންސިލަށް ދޭނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނބުރާ ނަގާފަ ހުރި ބާރުތަކުގެ ތެރެއިން ސަރުކާރަށް މުހިއްމު ބާރުތަކާއެކުގަ އަޅުގަނޑުމެން ގުޅާލާ މިންވަރަކުން އެބާރުތައް އަޅުގަނޑުމެން ދޫކޮށްލާނަން. އަދި ކަނޑާ ތިރިކޮށްފަ ހުރި މުސާރަ ވެސް އެގޮތަށް އިޔާދަ ކޮށްދޭން މަސައްކަތް ކުރާނަން،" ނިހާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ނިހާނު ވިދާޅުވީ މާލޭގެ ތަރައްގީ އަށް މަސައްކަތް ކުރީ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަމަށެވެ. އެ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް އަށް ދިންއިރު، މާލޭގެ ތަރައްގީ އަށް ސިޓީ ކައުންސިލުން ކުރި އެއްވެސް ކަމެއް ނެތް ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން، ސިޓީ ކައުންސިލްގެ ބާރުތައް ހައުސިން މިނިސްޓްރީ އަށް ނަގައި، ފެށި މަސައްކަތުގެ ހެޔޮ ނަތީޖާ މިހާރު މާލޭގެ ކޮންމެ ހިސާބަކުންވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ މެމްބަރުންނާއި މޭޔަރުންގެ މުސާރަ ކުޑަކުރަން މަޖިލީހުން ނިންމީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. މުސާރަ ކުޑަކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ މޭޔަރުންނަށް 45،000 ރުފިޔާގެ މުސާރައެއް ލިބޭއިރު، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފުޔާ ލިބެ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000 ރުފިޔާ ލިބެ އެވެ.

މުރާޖާ ކުރުމަށްފަހު މަޖިލީހުން ނިންމީ ސިޓީ ކައުންސިލްގެ މޭޔަރުންގެ މުސާރަ 18،000 ރުފިޔާ އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާ އަށް ދަށްކުރުމަށެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500 ރުފިޔާ އަށެވެ.