10 Mar 2017, 16:11
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ ނުލައި ވެރިކަން ހޯދޭނެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.
އާމިރު "ސަން" އަށް ވިދާޅުވީ، އެމްޑީއޭއާ މިހާރު ސަރުކާރު ހިންގާ ޕީޕީއެމްއާ އެކު ހެދިފައި އޮތް ކޯލިޝަނަކީ ވެސް ވަރަށް ގާތް ގުޅުންތަކެއް އޮންނަ ކޯލިޝަނެއް ކަމަށެވެ.
"އެމްޑީއޭއަށް ހުތުރުވާގޮތަށް އެއްވެސް ފަރާތަކުން ބަހެއް ބުނެފައި ނުވަތަ ވާހަކަ ދައްކާފައިވީ ނަމަވެސް އަޅުގަނޑު ބުނާނީ ހަމަ އެމްޑީއޭއާ ނުލައި ވެރިކަން ކުރެވޭނެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނޯންނާނެ. މިއީ ކުރިން ވެސް އަޅުގަނޑުމެން ކީއެއްޗެއް މިހާރުވެސް ހަމަ އެބަހުގެ މަތީގައި މިތިބީ. ސިޔާސީ މަސްރަހު މިގޮތަށް އޮވެއްޖެނަމަ އެއްވެސް ޕާޓީއަކަށް އެމްޑީއޭއާ ނުލައި ވެރިކަމަށް އައުމަކީ ވާނެކަމެއް ނޫން،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރާ ދެމެދު އޮތް ގުޅުމަކީ ވެސް، އިތުބާރަށް އެއްވެސް އުނިކަމެއް ނައިސް މިއަދާ ހަމައަށް ދެމިއޮތް ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތްތާގައި ވެސް ދެމިގެންދާނެ ކަމަށާއި ސަރުކާރު ހިންގުމުގައި އެމްޑީއޭގެ ފަރާތުން އަދި އެމްޑީއޭގެ ލީޑަރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.
"އެމްޑީއޭގެ ވިސްނުމަކީ މާވަރުގަދަ ބޮޑެތި ބަސްތަކަކުން މުޖުތަމައު ނުތަނަވަސްކޮށް މުޖުތަމައު ނުސާފު ކުރުމެއް ނޫން. އެމްޑީއޭއަކީ އަބަދުވެސް ގައުމުގެ ތަރައްގީއާ ކުރިއެރުން ހޯދޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިގެން ސިޔާސީ ކަންކަމުގައި ވެސް ކުރިއަށްދާނެ ޕާޓީއެއް،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ އެމްޑީއޭ އިން އަބަދުވެސް މަސައްކަތް ކުރާނީ، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ މަސްލަހަތު އަދި ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެ ގޮތެއް ބަލައި ދިސާރާ ކުރުމަށްފަހު އެގޮތަކަށް ކަމަށެވެ.
އާމިރު ވިދާޅުވީ އެމްޑީއޭއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ "ރެޕިއުޓެޑް" ޕާޓީ ކަމަށް ހުރިހާ ރައްޔިތުން ވެސް ބަލައިގެންފައިވާ ކަމަށެވެ.