01 Jul 2011, 21:27
އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ގެ ގާނޫނު މާނަކުރުމުގައި ހުރި ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން އެކޮމިޝަނުގެ ނިންމުންތަކަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ނުދާތީ އެކޮމިޝަނަށް ލިބިގެންވާ ބާރުތަކާއި އަމަލުކުރެވޭނެ އުސޫލުތަކާ މެދު ގޮތެއް ކަނޑައަޅުމަށް އެ މައްސަލަ މަތީ މަރުހަލާގެ ކޯޓަކަށް ހުށަހެޅުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި މުއައްވިޒު ވިދާޅުވީ، ކޯޓު އަމުރަކާ ނުލައި ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓާލަން އެންގުމުގެ ބާރު ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ބައެއް ފަރާތްތަކުން ދެކޭ ނަމަވެސް، އޭސީސީގެ ގާނޫނުން އެބާރު އެ ކޮމިޝަނަށް ލިބިގެންވާކަން "ވަރަށް ސާފު" ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮމިޝަނުގެ ގާނޫނުގައި ވަރަށް ސަރީހަކޮށް އެބަ އެނގޭ ކަންތައްތައް ކުރިއަށް ގެންދަންވީ ގޮތް. އެކަމަކު އެކި ބޭފުޅުން މާނަކުރައްވާ ގޮތް ތަފާތުވޭ، ގާނޫނުގައިވާ މާއްދާތައް މާ ފުޅާދާއިރާއެއްގައި މާނަކުރެވޭތީ ވެސް. އެހެންވީމަ މިކަހަލަ ހިޔާލުތަފާތުވުން އުޅޭ ކަމަށްވަންޏާ އިޖުރާއީގޮތުން އެބަޖެހޭ މަތީ މަރުހަލާގެ ކޯޓަކުން ގާނޫނު މާނަކޮށްގެން ނަމަވެސް، ކޮބައިތޯ ކޮމިޝަނަށް ލިބިގެންވާ ބާރުތަކަކީ، އަދި އެބާރުތައް ބޭނުން ކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތަކަކީ ކޮބައިކަން ކަނޑައަޅަން،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އެ މައްސަލަ ކޯޓަށް ވެއްދުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އޭސީސީގެ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށްވާތީ، އެކަމާ ގުޅޭ ގޮތުން ވެސް ވިސްނަމުންގެންދަވާ ކަމުގައި އޭސީސީގެ ނައިބު ވިދާޅުވި އެވެ.
"އެހެންވީމަ މިކަމާ ބެހޭ ދިރާސާއެއް އެބަ ގެންދޭ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބަލަން،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮމިޝަނުން އެ މައްސަލަ ދިރާސާކުރަން ފެށީ، އެކޮމިޝަނުން އަންގާ އެންގުންތަކަށް އަމަލުނުކުރުމުން އިތުރު ގާނޫނީ މައްސަލަތައް ވެސް ނުކުންނަމުންދާތީ ކަމަށެވެ. އެގޮތުން އެކޮމިޝަނުން ހުއްޓާލަން އަންގާފައިވާ ތިލަފުށި ފަޅު ހިއްކުމުގެ ޕްރޮޖެކްޓާ މެދު ޝަރީއަތުގައި ގޮތެއް ނުނިމެނީސް މުޅި ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ފަހުން ނުކުންނާނެ ކަމުގައި މުއައްވިޒު ވިދާޅުވި އެވެ.
އޭސީސީން މިހާތަނަށް ހުއްޓާލަން އަންގާފައިވާ ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންގޮސްފައި ވަނީ، ކޯޓު އަމުރަކާ ނުލައި އެ ކޮމިޝަނަށް އެފަދަ އެންގުމެއް އެންގުމުގެ ބާރު ލިބިގެން ނުވާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި 21 މިލިއަން ޑޮލަރަށް ހެވީ ލޯޑާ ހަވާލުކޮށްފައިވާ ތިލަފުށި ފަޅު ހިއްކުމުގެ މަސައްކަތާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްފައިވާ އިމިގްރޭޝަންގެ 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހިމެނެ އެވެ. ތިލަފުށީ ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާ މައްސަލަ މިހާރު ވެސް ކޯޓުގައި ހިނގަމުންދާއިރު، ބޯޑާ ކޮންޓްރޯލް މަސައްކަތް އޭސީސީގެ އެންގުމާ ހިލާފަށް ކުރިއަށްގެންދާ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެ ކޮމިޝަނުން ގެންދަނީ ތައްޔާރުވަމުންނެވެ.