ތަފާތު ހަރަކާތްތަކާ އެކު މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ޖަމްބަލް ސޭލެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ނޫސްވެރިކަން ކިޔަވާ ދަރިވަރުން މިއަދު ބާއްވާ ޖަމްބަލް ސޭލްގައި ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ގައުމީ ޔުނިވާސިޓީގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 4:00 އާއި 6:00އަށް ބާއްވާ ޖަމްބަލް ސޭލްގައި ކުޑަކުދިންގެ އަންނައުނާއި ކުޑަކުދިންނަށް ހާއްސަ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރު ބޮޑެތި މީހުންނަށް ވެސް އަންނައުނު ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމްބަލް ސޭލަކީ ގައުމީ ޔުނިވާސިޓީގައި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުން ތަޖުރިބާ ހޯދުމަށް ކުރާ ދަތުރަކަށް ފަންޑު ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.