ތެހެރާން (މާޗް 10) : މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައޫދީ އަރަބިޔާގައިވާ މުސްލިމުންގެ މުޤައްދަސް ބިންތަކަށް ދިޔުމުގެ ފުރްސަތު އީރާނުގެ ރައްޔިތުންނަށް ލިބޭނެކަން އެގައުމުން ހާމަކޮށްފި އެވެ.

އީރާނުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރްސަތު ދިނުމާބެހޭގޮތުން އީރާނުގެ މަތީފެންވަރުގެ ވަފްދަކާއި ސައޫދީ ކަމާބެހޭ މަސްއޫލުވެރިންނާ ދެމެދު ޖިއްދާގައި ކުރިޔަށްދާ މަޝްވަރާތަކާބެހޭ މައުލޫމާތު ދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއެއްކަމަށްވާ ހުސައިން ޝައިޚުލްއިސްލާމް ވިދާޅުވީ ދެގައުމުގެ ވާހަކަތައް ވަރަށް ކާމިޔާބު ކަމަށާއި ދެ ބަސްވުންތައް ހައްލުވެއްޖެ ކަމުގައެވެ.

އީރާނުގެ ރައްޔިތުން ހައްޖަށް ފޮނުވުމުގައި އެގައުމާއި ސައޫދީ އާ ދެމެދުގައިވާ ދެބަސްވުންތަކާބެހޭ ގޮތުން ޝައިޚުލްއިސްލާމް ވިދާޅުވީ ފާއިތުވި ދެހަފްތާތެރޭގައި ދެގައުމުގެ މަސްއޫލުވެރިން ކުރެއްވި މަޝްވަރާތަކުގެ ނތީޖާއެއްގެ ގޮތުން އެންމެ މައްސަލައެއް ނޫނީ ހުރިހާ މައްސަލައެއް ވެސް މިހާރު ހައްލު ކުރެވިފައިވާކަމުގައެވެ.

ހައްލުނުކުރެވޭ މައްސަލައަކީ 2015 ވަނަ އަހަރު މިނާގައި ފިތިބާރުވެެގެން މަރުވި އީރާނުގެ އެތަށް ސަތޭކަ ހައްޖާޖީންގެ އާއިލާތަކަށް ބަދަލުދިނުމުގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުނުވިޔަސް އީރާނުގެ ހައްޖުވެރިންނަށް ހައްޖުގެ އަޅުކަމަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަތައް ހައްލުވީ މަޝްވަރާތަކުގައި ސައޫދީން ވެސް ބޮޑެތި ދޫތަކެއް ދިނުމުން ކަމަށާއި އެކަން އުފަލާއެކު އީރާނުން ފާހަގަ ކުރާ ކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އީރާނުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރްސަތު ދިނުމާބެހޭގޮތުން ސައޫދީ މަސްއޫލުވެރިންނާއި އީރާނުގެ މަސްއޫލުވެރިން ޖިއްދާގައި ބައްދަލުކުރައްވައި މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފްުދު ގެ ބޭފުޅުން

ޖިއްދާގައި ވާހަކަތައް ފެށިއިރު އެވާހަކަތަކުގައި ބައިވެރިވާ އީރާނުގެ މަފްދުގެ އިސްވެރިއަކީ އެގައުމުގެ ދީނީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު ހަމީދު މުހައްމަދީއެވެ. ސައޫދީ ވަފްދުގެ އިސްވެރިއަކީ ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު މުހައްމަދު ބިން ސާލިޙްއެވެ. ނަމަވެސް މަޝްވަރާތައް ފެށުމަށްފަހު ފާއިތުވި ދެހަފްތާތެރޭގައި ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ދެގައުމުގެ ފަންނީ މަސްއޫލުވެރިންނެވެ.

ވާހަކަތައް ފެށުނު ދުވަހު ދެއްވި ބަޔާނެއްގައި ހައްޖުގެ ކަންތައްތަކާބެހޭ ސައޫދީ ވަޒީރު މުހައްމަދު ބިން ސާލިޙް ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އީރާނުގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މައްސަލަ ހައްލުނުވެ ވާހަކަތައް ކޮޅެއްގައި ނުޖެހި ދިގުލައިގެން ހިނގައްޖެނަމަ އަންނަ ރަޖަބު މަހުގެ ތެރޭގައި ދެބޭފުޅުން އަދި އެއްފަހަރު ބައްދަލުކުރެއްވުމަށްވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.

އީރާނުގެ ހައްޖުވެރިންނާމެދު ސައޫދީން ކަންބޮޑުވާކަންކަމުގެ ތެރޭގައި ހައްޖުގެ ދުވަސްވަރު އެމެރިކާއާއި އިސްރާއީލާދެކޮޅަށް އީރާނުގެ ހައްޖުވެރިން އަޑުއުފުލައި ހިނގާލުންފަދަ ކަންކަން ކުރިޔަށްގެންދިޔުމާއި ހައްޖުގެ ކަންކަން އިންތިޒާމް ކުރުމުގައި ސައޫދީ ސަލާމަތާބެހޭ ދާއިރާތަކުން ގެންގުޅޭ މިންގަނޑުތަކަށް އީރާނުގެ ބައެއް ހައްޖުވެރިން ބޯލެނބުމަށް ދެކޮޅުހަދާ މައްސަލަ ހިމެނެއެވެ.

މީގެއިތުރުން މަދީނާގައިވާ އަލްމަސްޖިދުއްނަބަވީގެ ކައިރީގައިވާ ސަޙާބީންގެ ގަބުރުސްތާން ކަމަށްވާ ޖަންނަތުލްބަގީޢް ގައިވާ ކީރިތި ރަސޫލާގެ އާލު ބައިތުންގެ މަގްބަރާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އިރާނުގެ ހައްޖުވެރިންނަށް ދިނުމުގެ މައްސަލައަކީ ވެސް ދެގައުމުގެ ދެމެދުގައި މަޛްހަބީގޮތުން ޚިލާފް އުފެދިފައިވާ މައްސަލައެކެވެ.

އީރާނުގެ ރައްޔިތުންނަކީ ޝިޔައީ މުސްލިމުންކަމަށްވާއިރު ކީރިތި ރަސޫލާގެ އާލު ބައިތުން (ކީރިތި ރަސޫލާގެ އާއިލާގެ ބޭފުޅުން) ނާ މެދު ޝިޔައީން ދެކެނީ ސުންނީންނާ ތަފާތު ގޮތަކަށެވެ. މިއީ އިސްލާމީ ޚިލާފަތުގެ ދުވަސްވަރު މުސްލިމުންގެ މެދުގައި އުފެދުނު ސިޔާސީ އަރާރުންތަކަކާ ގުޅިގެން ފިކުރީގޮތުންނާއި ފިގްހީ ގޮތުން ދެބަސްވުންތައް އުފެދިި މުސްލިމުންގެ ތެރޭގައި ސުންނީންނާއި ޝިޔައީން އުފެދި ދެފަރާތުގެ ދެމެދުގައި ބޮޑުވެގެންދިޔަ މަޒްހަބީ ޚިލާފްތަކެއްގެ ތެރެއިން އައި ކަމެކެވެ.

ސައޫދީއަށް ހައްޖުވެރިން ފޮނުވާއިރު އީރާން ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި އީރާނުގެ ހައްޖުވެރިންނާމެދު ސައޫދީ ސަލާމަތީ ބާރުތަކުން އިހާނާތްކޮށް ނިކަމެތިކޮށް މުއާމަލާތް ކުރާ މައްސަލަ އާއި ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސައޫދީ ސަލާމަތީ ބާރުތަކުން އިހްމާލުވާކަމަށް އީރާނުން ދެކޭ މައްސަލަ ހިމެނެއެވެ.

މައްކާގެ ހަރަމްފުޅުގެ ސަރަހައްދަށް ބިޔަ ކެރޭނެއް ވެއްޓި ގިނަ އަދަދެއްގެ ހައްޖުވެރިން ދާދިފަހުން މަރުވިމައްސަލަ އާއި ޖަމްރާތަކަށް ހިލައުކާ ދުވަސްވަރު ތޮއްޖެހުމާއި ފިތިބާރުވެގެން އެތަށްސަތޭކަ ހައްޖުވެރިން މަރުވާ މައްސަލައަކީ ސައޫދީ ސަލާމަތީ ބާރުތަކުގެ ދޯދިޔާކަމާއި އިހުމާލުގެ ސަބަބުން ވަމުންދާ ކަންކަމަށް އީރާނުން ދެކެއެވެ.

ޖަމްރާތަކަށް ހިލައުކާއިރު ތޮއްޖެހުމާއި ފިތިބާރުވެގެން ހައްޖުވެރިންގެ ގިނަ ބަޔަކު މަރުވުމަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު މިނާގައި ތަކުރާރުވެފައިވާ ކަމެކެވެ.

މިދިޔަ އަހަރު ނޫން ކުރީ އަހަރުގެ ހައްޖު މޫސުމުގައި ހިނގި މިފަދަ ހާދިސާއެއްގައި ހާހަކަށްވުރެ ގިނަ ހައްޖުވެރިން މަރުވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި އީރާނުގެ ހަތަރު ސަތޭކައެއްހާ ހާޖީން ހިމެނެއެވެ. މިފަދަ ހާދިސާތަކުގައި މަރުވާ ހައްޖުވެރިންގެ އާއިލާތަކަށް ބަދަލުދިނުމަށް ސައޫދީ ސަރުކާރުން ދެކޮޅު ހަދާ މައްސަލައަކީ ވެސް އީރާނާއި ސައޫދީ އާ ދެމެދުގައިވާ ބޮޑު މައްސަލައެކެވެ.

މިފަދަ މައްސަލަތަކާގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދުނު ދެބަސްވުންތައް ހައްލު ނުކުރެވުމުގެ ސަބަބުން މިދިޔައަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން ހައްޖުވެރިން ފޮނުވާފައެއް ނުވެއެވެ. މިމައްސަލާގައި ސައޫދީ ސަރުކާރުން ބުނެފައި ވަނީ ހައްޖުގެ އަޅު ކަމަށް އީރާނުގެ ރައްޔިތުން ނުފޮނުވީ އީރާނުން ކަމަށާއި ހައްޖަށް އައުމުގެ ފުރުސަތުން އީރާނުގެ ރައްޔިތުން މަހްރޫމް ކޮށްފައިނުވާނެ ކަމުގައެވެ. އީރާނުގެ ހައްޖުވެރިންނަށް ވިސާ ނުދިނީ ހައްޖުގެކަންކަމުގައި ސައޫދީ ސަރުކާރުން ގެންގުޅޭ ސަލާމަތީ މިންގަނޑުތައް ގަބޫލުކޮށް އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް އީރާން ސަރުކާރުން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށް ވެސް ސައޫދީން ބުނެފައިވެއެވެ.

އީރާނުން ބުނެފައި ވަނީ ހައްޖުވެރިން މިދިޔައަހަރު ނުފޮނުވީ އީރާނުގެ ހައްޖުވެރިންނަށް ސައޫދީގައި ކުރަމުންގެންދާ އިހާނާތްތަކާއި ޖެއްސުންކުރުންތަކުގެ ސަބަބުންނާއި އެމީހުން ހައްޖުގެ އަޅުކަން ކުރުމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ދޭނެކަމުގެ ގެރެންޓީވެސް ސައޫދީ ކަމާބެހޭ ފަރާތްތަކުން ނުދިނުމުން ކަމުގައެވެ.

ސައޫދީ އާއި އީރާނަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޖެހިފައިވާ ދެގައުމެވެ. މިދިޔަ އަހަރު ޖެހުނު ސިޔާސީ މައްސަލައަކާގުޅިގެން ސައޫދީންވަނީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ވެސް ކަނޑާލާފައެވެ. މި ދެގައުމުން ކުރެ ކޮންމެ ގައުމަކީ ވެސް ގަލްފާއި މެދުއިރުމަތީގެ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމުގެ އަމިއްލަ އެޖެންޑާއެއްގައި މަސައްކަތްކުރަމުން ގެންދާ ދެ ގައުމެވެ. އީރާނާއި ސައޫދީ އާ ދެމެދުގައިވާ ސިޔާސީ ކޯޅުންތަކާއި އަމިއްލަ މަސްލަހަތުތަކާގުޅޭ އަރާރުންތައް ދީނީ އަދި މަޒްހަބީ ކަމެއްގެ ގޮތުގައި ހެދުމަށް އެދެގައުމުން ވެސް މަސައްކަތް ކުރަމުން ގެންދެއެވެ. (ނޫސްއެޖެންސީތައް)