10 Mar 2017, 14:54
މި ސީޒަނުގައި ޓީސީގެ އަސްލު ލަނޑުދަނޑިއަކީ ލީގުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށާއި މާލޭ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިރޭ 9:00ގައި ގައުމީ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މިއީ ލީގުގެެ ފުރަތަމަ މެޗަށްވެފައި ކުޅުންތެރިން ތިބީ އެ މެޗު ކާމިޔާބުކޮށް ކުރިއަށް ދިޔުމަށް ކެތް މަދުވެފައި ކަމަށާއި އަދި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ.
ޝެއިލް ކަމާލް އިންޓަނޭޝަނަލް ކުލަބްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޓީސީ ކުޅޭ ފުރަތަމަ މެޗުގައި ޓީމުގެ ކުޅުންތެރިންގެ ކިބައިން "އޯވަ ކޮންފިޑޭންސް" ވުން ފެނިދާނެތީ އެކަމާ ކޮންމެވެސް ވަރަކަށް ޖެހިލުންވި ކަމަށާއި ނަމަވެސް އެންމެ ފަހުން ކުރި ޕްރެކްޓިސް އިން ކުޅުންތެރިން ތިބީ އެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެގެންކަން އެނގިގެންދިޔަ ކަމަށް ނިޒާމްބެ ބުންޏެވެ.
"ބިރުވެރި ފެކްޓާއަކަށް މިކަހަލަ ހާލަތެއްގަ އަންނާނީ ކުޅުންތެރިން އޮވާ ކޮންފިޑެންސް ވެދާނެ ކަމަށް، ނަމަވެސް ގަބޫލެއް ނުކުރަން އެންމެ ފަހުގެ ޕްރެކްޓިސް ބަލާފަ ކުޅުންތެރިން ތިބީ އޯވަ ކޮންފިޑެންސް ވެފަ ކަމެއް، އަދިވެސް މިއީ ހަމަ ލީގުގައި ވާދަ ކުރާ ދެވަަނަ އަށް އެންމެ ޅަ ޓީމު،" ނިޒާމްބެ ބުންޏެވެ.
ފެސްކޯ --- ސަން ފޮޓޯ: ފަޔާޒު މޫސާ
މީގެ ކުރިން ލީގުގައި ވެލެންސިޔާ ގްރީން ސްޓްރީޓާ ދެކޮޅަށް މެޗެއް ކުޅެފައިވާއިރު އެ މެޗު ނިމިގެން ދިޔައީ 1-1 ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މިރޭގެ މެޗާ ގުޅޭ ގޮތުން ވެލެންސިޔާގެ ކޯޗު އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ ވެލެންސިޔާ އޮތީ މެޗަށް ތައްޔާރުވެފައި ކަމަށާއި ޓީސީ ގައުމުން ބޭރުގައި ކުޅުނު މުބާރާތާ މި މުބާރާތާ ތަފާތު ކަމަށެވެ. އަދި ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއް ކަަމަށާއި މިވަގުތު ލީގުގައި ވާދަ ކުރާ ޓީމުތަކަކީ ޖުމްލަ ގޮތެއްގައި ހަމަހަމަ ޓީމުތަކެއް ކަމަށެވެ.
"ވެލެންސިޔާއަކީ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެވޭތޯ މަސައްކަތް ކުރާ ޓީމެއް، ޓީސީއަކީ ވެސް ހަމަ އެކަހަލަ ޓީމެއް، އެހެންވީމަ އެއީ އެޑްވާންޓޭޖެއް،" ފެސްކޯ ބުންޏެވެ.