ވޮޝިންގޓަން: އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) ގެ ޑައިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ޖެނެރަލް ޑޭވިޑް ޕެޓްރިޔޮސް އަށް އެމެރިކާގެ ސެނެޓުން ރުހުންދީފި އެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ކުރިޔަށްގެންދާ ހަނގުރާމައިގެ އިސްކޮމާންޑަރު ކަމުގެ މަޤާމުގައި ހުންނެވި ޖެނެރަލް ޕެޓްރިޔޮސް، ސީ.އައި.އޭ ގެ ޑައިރެކްޓަރ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރ މަހުގައެވެ.
ސީއައިއޭ ގެ ޑައިރެކްޓަރ ކަމުގެ މަގާމުގައި މިހާރު ހުންނެވި ލިޔޮން ބެނީޓާ މިއަދުގެ ވަގުތެއްގައި އެމެރިކާގެ ދިފާއީ ވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެއެވެ. ސެނެޓުންވަނީ ބެނީޓާއަށްވެސް ރުހުންދީފަ އެވެ.

ދިފާއީ ވަޒީރު ކަމުން މަގާމުން މިއަދު ވަކިވެ ވަޑައިގަންނަވާ އެމެރިކާގެ ދިފާއީ ވަޒީރު ރޮބަޓް ގޭޓްސް އަށް ވައިޓް ހައުސް އިން ރޭގައިވަނީ ވަދާއީ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެެމެރިކާގެ ރިޔާސަތުން ދޭ އެންމެ މަތީ ލަގަބު ކަމަށްވާ "ޕްރެސިޑެންޝަލް މެޑަލް އޮފް ފްރީޑަމް" ގޭޓްސް އަށް ދެއްވިއެވެ.

ސީއައިއޭ ގެ ޑައިރެކްޓަރ ކަމުގެ މަގާމަށް އައްޔަންކޮށްފައިވާ އުމުރުން 58 އަހަރުގެ ޑޭވިޑް ޕެޓްރިޔޮސް އަކީ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ހުނަރުވެރި އެއް ޖެނެރަލް ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)