10 Mar 2017, 11:28
ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުން ހޯދި ކާމިޔާބީ ފަހަގަކުރުމަށް އެ ކްލަބުގެ މެއިން ސްޕޮންސަރު، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީން ވަރަށް ކުލަ ގަދަކޮށް މިރޭ ފާހަގަކޮށްފިއެވެ.
ޓީސީގެ ކާމިޔާބީ ފާހަގަ ކުރުމަށް އެމްއޭސީއެލުން ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ ހުޅުލޭގައެވެ.
ކްލަބުތަކާއި ކުންފުނިތައް ގުޅުވާލުމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާއިން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޓީސީއަށް ގުރުއަތުން ލިބިފައިވަނީ އެމްއޭސީއެލްއެވެ.
މި ހަފްލާގައި ވަހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރު އާދިލް މުސާ ވިދާޅުވީ، ޓީސީން ހޯދި ކާމިޔާބީއަކީ މުޅި ގައުމަށް ހޯދައިދިން ކާމިޔާބީއެއްކަމަށާއި މި ކާމިިޔާބީ އަކީ ދިވެހިން ފަހުރުވެރިވާ ވަރުގެ ކާމިޔާބީއެއް ކަމަށެވެ.
"ޓީސީ އަކީ މިހާރު އެމްއޭސީއެލްގެ ޓީމެއް، ޓީސީގެ ސްޕޮންސަރުންގެ ހައިސިއްޔަތުން ޓީސީ ހޯދި ކާމިޔާބީގެ ޝަރަފް އެމްއޭސީއެލްއަށް ވެސް މިވަނީ ލިބިފައި،" އާދިލް ވިދާޅުވިއެވެ.
މިރޭ މި ބޭއްވި ހަފްލާގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި ޔޫތް މިނިސްޓްރީގެ ބައެއް އިސް ވެރިންނާއި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ނަޝީދުގެ އިތުރުން އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ޓީސީގެ ކާމިޔާބީ ފާހަގަ ކުރުމަށް އެފްއޭއެމްއިންވެސް ވަނީ ހާއްސަ ހަފްލާއެއް ބާއްވަފާއެވެ.