10 Mar 2017, 00:50
މާލޭ ލީގުގައި މިރޭ މާޒިޔާއާ ގްރީންސްޓްރީޓް ބައްދަލުކުރިމެޗުގައި ދެޓީމުގެ ދެމެދުގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި ޓީމަށް ލިބިފައިވާ ބަަޖެޓާއި ކުޅުންތެރީންގެ ފެންވަރަށް ބަލާއިރު މާޒިޔާއާ ދެކޮޅަށް ދެއްކި ކުޅުމާއި މެދު ހިތް ހަމަޖެހޭ ކަމަށް ގްރީންސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު ބުނެފިއެވެ.
މި މެޗުގައި މާޒިޔާއިންވަނީ ގްރީންސްޓްރީޓް މައްޗަށް 3-0 ގެ ނަތީޖާއިން ކުރިހޯދާފައެވެ.
މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސޮބާ ބުނީ ޓީމުގެ ކުޅުންތެރީން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭކަމަށާއި ނަމަވެސް އުންމީދުކުރީ 3-0 ގެ ނަތީޖާއެއް ނޫންކަމަށެވެ.
އޭނާ ބުނީ ޖުމުލަ ގޮތެއްގައި މާޒިޔާ ނުހިފެއްޓިގެން ނުދާ ކަމަށާއި ގްރީން ސްޓްރީޓްގައި މިވަގުތު އޮތް ސްކޮޑާއެކު ހުރިހާ މެޗަކުން މޮޅުވާނެ ކަމަށް ގަބޫލު ނުކުރާކަމަށެވެ.
ސޮބާ ބުނީ ޓީމުގެ ކުޅުންތެރިން މިރޭ ދެއްކި ކުޅުމާ އެކު ކުރިއަށް އޮތްތަނުގައި އެ ޓީމު މޮޅުވާނެ މެޗުތަކެއް އަންނާނެ ކަމަށާއި ގްރީން ސްޓްރީޓުގެ ޓާގެޓަކީ އެޓީމާ އެއްވަރަށް ތައްޔާރުވި އަދި ގްރީން ސްޓްރީޓަށް ކާމިޔާބު ހޯދޭނެ ވަރުގެ ޓީމުތަކުގެ އަތުން ކާމިޔާބީ ހޯދުންކަމަށެވެ.
" ޕާފޯމަންސް މިވަރަށް އިނދެއްޖެ ކަމަށް ވަންޏާ ގްރީން ސްޓްރީޓް މޮޅުވާނެ މެޗުތަކެއް އަންނާނެ، ޑިސަޕޮއިންޓެއް ނުވޭ ނަތިޖާއާމެދު، ކުޅުންތެރިންތިބީ ވަރަށް ޕޮޒިޓިވްކޮށް އެހެންވީމަ އުންމީދު އެބައޮތް މޮޅުވާނެ ކަމަށް،" ސޮބާ ބުންޏެވެ.
ލީގުގެ ދެވަނަ ކާމިޔާބީއަށްފަހު މާޒިޔާގެ ކޯޗު ބުނީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭކަމަށާއި އިދިކޮޅުން ކުޅުނު ގްރީން ސްޓްރީޓް ޓީމުވެސް ރަަނގަޅުކަމަށެވެ.
"ކުޅުންތެރިންނަށް މަރުހަބާ ކިޔަން. ކުޅުން ރަނގަޅު. ވަރަށް އުނދަގޫ މެޗެއް މިއީ، 90 މިނިޓާ ހަމައަށް ވެސް ގްރީން ސްޓްރީޓް ކުޅުންތެރީން މަސައްކަތް ކުރި،" ސެކޮލޮސްކީ ބުންޏެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓުން ރަނގަޅު ކުޅުމެއްދެއްކި ނަމަވެސް، ދެ ޓީމުން ކުރެ އެއްޓީމަކަށްވެސް ގޯލު ޖެހޭގޮތެއްވަނީ ނުވެފައެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި މާޒިޔާއަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީން މާޒިޔާގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.
ދެވަނަ ލަނޑު ގްރީން ސްޓްރީޓްގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަންއިރު ފަހު ލަނޑުވެސް ކާމިޔާބުކޮށްދިނީ އަސަދުﷲއެވެ.
ލީގުގައި ދެން ގްރީން ސްޓްރީޓް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާއެވެ. މާޒިޔާއަށް ކުރިއަށް އޮތީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އަންނަ ހަފުތާގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.