ރާއްޖޭގެ އަތޮޅެއް ގަތުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އުޅޭ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީން ދޮގުކޮށްފިއެވެ.

އެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އަތޮޅެއްގައި ބިޔަ މަޝްރޫއެއް ހިންގަން ވެގެން، ރާއްޖޭގެ އަތޮޅެއް ނުވަތަ ބިމެއް ނުވަތަ ރަށެއް ގަތުމުގެ އެއްވެސް ނިޔަތެއް ސައުދީ ސަރުކާރުގެ ނެތް ކަމަށާއި އެފަދަ ޕްރޮޖެކްޓެއް އެ އުސޫލުގެ މަތިން ހިންގަން އެގައުމުން ބޭނުންވެސް ނުވާ ކަމަށެވެ.

އަދި އެފަދަ އަޑުތަކެއް މީޑިއާއިން ފަތުރާފައިވާއިރު، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެ އެމްބަސީއާ މުއާމަލާތް ކޮށްފައިނުވާކަން ފާހަގަކޮށް، އެފަދަ އިލްޒާމެއް ސައުދީ ސަރުކާރުގެ ބޮލުގައި އަޅުވާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް އެމްބަސީގެ ބަޔާނުގައި ވެއެވެ.

އެ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ދިވެހި ސަރުކާރުންވެސް ވަނީ ފ. އަތޮޅު ސައުދީއަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ. ނަމަވެސް އެ އަތޮޅަށް ސައުދީގެ ބިޔަ އިންވެސްޓްމެންޓަށް އަންނަން އުޅޭ ކަން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިއުލާން ކުރައްވާފައެވެ.

އަދި އެ ޕްރޮޖެކްޓަކީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި، އެ އަތޮޅަށް އަންނަ އެ މަޝްރޫއާ ގުޅޭ ގޮތުން ސުވާލު އުފައްދަން ނުޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފ. އަތޮޅު މަޝްރޫއުން ރާއްޖޭގެ ޓުއަރިޒަމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެސްދޭނެ އެވެ.