ރާއްޖެއިން މީސެލްސް އަދި ރުބެއްލާ ނައްތާލުމަށް އެޗްޕީއޭއިން ފަށާފައިވާ ކެމްޕޭނަށް ތާޢީދުކޮށް އެސްޓީއޯގެ މުވައްޒަފުންނަށް ފަސޭހައިން ވެކްސިންދެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ވެކްސިން ސްޓޭޝަނެއް ހުޅުވައިފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި އެ ސްޓޭޝަން ހުޅުވާފައިވަނީ ބުދަ ދުވަހު އެވެ. އެ ސްޓޭޝަން ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަހީރު އެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯ ފަދަ މުއައްޒަފުން ގިނަ ބޮޑު ކުންފުންޏަކުން އެފަދަ ޤައުމީ ކަމެއްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އެސްޓީއޯގައި ތިބި މި އުމުރުފުރާގެ މުވައްޒަފުން މި ކެމްޕެއިންގައި ބައިވެރިވެ، ވެކްސިން ލިބިގަތުމަށް ޝަހީރު އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖެއިން މިފަދަ ބަލިތައް ނައްތާލުމާއި ޑަބްލިއުއެޗްއޯގެ ލަނޑުދަނޑިތައް ޙާސިލްކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖެއިން މިހާރުވެސް މެލޭރިއާ، ފައިލޭރިއާ އަދި ޕޯލިއޯވަނީ ނައްތާލެވިފައިވާ ކަމާއި މި ސަރަހައްދުން އެންމެފުރަތަމަ މީސެލްސް އެންޑް ރުބެއްލާ ނައްތާލެވޭ ޤައުމުކަމުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެސްޓީއޯއަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހެލްތު މިނިސްޓްރީއާއި ގުޅިގެން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏެކެވެ.