09 Mar 2017, 23:18
ޗައިނާއާ އެކު ގާއިމްކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރަމުން އައި މަޝްވަރާތައް ނިންމާފައިވާއިރު އެ މަޝްވަރާތަކުގައި ރާއްޖެއިން ހުށަހެޅި ހުރިހާ ކަމެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެ މަޝްވަރާތައް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާއާ އެކު ވެވުނު މަޝްވަރާތަކުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ރާއްޖެ އަށް ކަމަށެވެ. އަދި އެ އެއްބަސްވުމަށްފަހު ރާއްޖެއަށް އިތުރު އިންވެސްޓުމެންޓުތައް އަންނާނެ ކަމަށާއި ދިވެހި މަސްވެރިންނަށް ދުނިޔޭގެ ބާޒާރުން ޖާގަ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ހުށަހެޅި ހުރިހާ ކަމަށް ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވިފަ. ނަމަވެސް އެންމެ ބޮޑު ކާމިޔާބެއް ހޯދިފައި ވަނީ ރާއްޖެއަށް. މި އެއްބަސްވުމަށް ފަހު ޗައިނާއިން ގިނަ އިންވެސްޓަމްންޓު ރާއްޖެއަށް ލިބޭނެ. އޭގެ އިތުރުން އެކްސްޕޯޓު ކުރާ ވިޔަފާރިވެރިންނަށް އެއްވެސް ޓެރިފްއަކާ ނުލާ އެކްސްޕޯޓު ކުރެވޭނެ. އަދި މަސްވެރިންނަށް ދުނިޔޭގެ ބާޒާރުން ޖާގަ ލިބޭނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެ އަށް އިންވެސްޓުމެންޓުތައް އަންނާނެ ކަމަށާއި މުޅި ދުނިޔެއަށް ވިޔަފާރީގެ ގޮތުން ރާއްޖޭގައި ހުރި ފެންވަރު ފެނިގެންދާނެ ކަމަށެވެ. އެގޮތުން އިތުރު އެއާލައިންތަކާއި، ކާގޯ އެއާލައިންތައްވެސް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓް ކަމުގައިވާ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކޮށް ނިންމައި، އަދި ހޮންގް ކޮންގްއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކުރިއަށްދާއިރު މިނިސްޓަރު ވިދާޅުވީ ޗައިނާ އާ އެކު ކުރަމުންދާ މަޝްވަރާތަކުގެ ސަބަބުން ސަރުކާރުގެ ނިޒާމު ވަރަށް ބޮޑަށް އެކަމަށް ހޭނި، އެފަދަ މަޝްވަރާތަކާއި އެއްބަސްވުމަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާ ކަމަށެވެ.
ެއަދި އަންނަ މަސް ތެރޭގައި އިތުރު ގައުމަކާ އެކު އޭގެ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށާނެ ކަމަށާއި ޗައިނާއާ އެކު ވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ނުބާނާ ބައެއް ކަހަލަ މަހުގެ ބާވަތްތަކާއި ސީފުޑް ރާއްޖެ އެތެރެކޮށް، އެތަކެތި ރާއްޖޭގައި ޕެކޭޖު ކުރުމަށްފަހު ޗައިނާގެ މާކެޓަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ނިންމާލާފައިވާއިރު ބައެއް މުހިއްމު ކަންކަން ނިމިފައިވީ ނަމަވެސް، އަދިވެސް ނިންމަންޖެހޭ ކުދި ކުދި ކަންކަން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްބަސްވުން ވުޖޫދަށް އަންނާނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށާއި، އެހެން ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.