ތެހެރާން: ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ބެލަސްޓިކް މިސައިލެއް ސިއްރިޔާތުގައި އީރާނުން ތަޖްރިބާކުރި ކަމަށް ވިދާޅުވެ އިނިގިރޭސި ޚާރިޖީ ވަޒީރު ދެއްވި ބަޔާން އީރާނުން ދޮގުކޮށްފިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ރަމޭން މެހްމާބްރާސްތް ވިދާޅުވީ އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހެގް ގެ ވާހަކަފުޅަކީ ކަނަޑައެޅިގެން ދޮގުކަމުގައެވެ. ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ބެލަސްޓިކް މިސައިލެއް ސިއްރިޔާތުގައިވެސް އަދި ފާޅުގައިވެސް އީރާނުން ތަޖްރިބާ ނުކުރާ ކަމަށް މެހްމާބްރާސްތް ވިދާޅުވިއެވެ.
މިދޔަ ހޯމަދުވަހު އީރާނުންވަނީ މެދު ރާސްތާއާއި ދިގުރާސްތާގެ ބެލަސްޓިކް މިސައިލްގެ 14 މިސައިލް ތަޖްރިބާކޮށްފާ. މީގެތެރޭގައި އަމިއްލައަށް އަމާޒުހޯދުމުގެ ޤާބިލްކަން ލިބިގެންވާ ސްމާޓް ޓެކްނޮލޮޖީގެ މިސައިލް ހިމެނޭ ކަމަށް އީރާނުން ބުނެއެވެ.

އީރާނުން ތަޖްރިބާކުރި މިސައިލްތަކުގެ ތެރޭގައި 2300 ކިލޯމީޓަރުގެ ރާސްތާގެ ޝިހާބު-3 މަރުކާގެ މިސައިލް ހިމެނޭއިރު މިއީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ފޯރުމުގެ ޤާބިލްކަން ލިބިގެންވާ މިސައިލެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އީރާނުން ބުނެފައިވަނީ މިއީ އެޤައުމުގެ ދިފާޢީ ޤާބިލްކަން ހުރިމިންވަރު ވަޒަންކުރުމުގެ ތަޖްރިބާތަކެއް ކަމަށާ މިއީ އެއްވެސް ޤައުމަކާ ދެކޮޅަށް ހިންގި ޢަމަލެއްނޫންކަމުގައެވެ. (އަލްޖަޒީރާ)