09 Mar 2017, 22:31
ޗައިނާ އާ އެކު ގާއިމް ކުރެވޭ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭގޮތުން ކުރާ މަޝްވަރާތައް ނިންމާލައިފިއެވެ.
އެ މަޝްވަރާތަކުގެ އެންމެ ފަހުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ބަނޑޮސް މޯލްޑިވްސްގައެވެ. މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އަންނަ ޖޫންގެ ކުރިން އެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ.
ޗައިނާއާ އެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ އެއްބަސްވުން ގާއިމް ކުރުމުގެ ހުރިހާ ކަންތައް މިހާރު ނިމިއްޖެ ކަމަށާއި ދެން އުޅޭނީ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި ދެގައުމުން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކަމަށެވެ.
ބައެއް މުހިއްމު ކަންކަން ނިމިފައިވީ ނަމަވެސް، ސައީދު ވިދާޅުވީ އަދިވެސް ނިންމަންޖެހޭ ކުދި ކުދި ކަންކަން އެބަހުރި ކަމަށެވެ. އެއާ އެކު އެއްބަސްވުން ވުޖޫދަށް އަންނާނެ ވަކި ތާރީޚެއް ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތައް މިއަދުގެ ނިޔަލަށް ނިންމާލާއިރު އެއްބަސްވުމުގައި ހުންނަން ޖެހޭ މުހިއްމު ނުކުތާތަކާ މެދު މަޝްވަރާކުރެވި އެކަންކަމާ މެދު އެއްބަސްވެވޭނެ ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި މަސްވެރިންނަށް ކަމަށާއި މަހުގެ ބާވަތްތަކުގެ އިތުރުން، ދަނޑުވެރިކަމާއި އެހެނިހެން ބާވަތްތަކުގެ ތަކެތިވެސް އެ އެއްބަސްވުމުގެ ދަށުން އިތުރު އަގަކާ ނުލައި ރާއްޖެއިން އެކްސްޕޯޓު ކުރުމުގެ މަގު ފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ބާނާ މަހާއި ޓެކުހަކާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވީ މަޝްވަރާތަކުގައި ވަނީ ވާހަކަ ދައްކާފައެވެ.
ރާއްޖޭގައި ނުބާނާ ބައެއް ކަހަލަ މަހުގެ ބާވަތްތަކާއި ސީފުޑް ރާއްޖެ އެތެރެކޮށް، އެތަކެތި ރާއްޖޭގައި ޕެކޭޖު ކުރުމަށްފަހު ޗައިނާގެ މާކެޓަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަހުގެ ބާވަތްތަކުގެ އިތުރުންވެސް އެހެނިހެން ބައެއް ތަކެތި އެގޮތަށް ރީޕެކް ކޮށް، ވެލިއު އެޑްކުރުމަށްފަހު ޗައިނާއަށް ސުން ޕަސެންޓުގައި އެކްސްޕޯޓު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާ އާ އެކު ކުރިއަށް ދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމިފައިވާއިރު މިނިސްޓަރު ވިދާޅުވީ އަންނަ މަސް ތެރޭގައި އިތުރު ގައުމަކާ އެކު އެފަދަ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ މަޝްވަރާތައް ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ވިދާޅެއް ނުވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓް ކަމުގައިވާ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކޮށް ނިންމައި، އަދި ހޮންގް ކޮންގްއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކުރިއަށްދާއިރު މިނިސްޓަރު ވިދާޅުވީ ޗައިނާ އާ އެކު ކުރަމުންދާ މަޝްވަރާތަކުގެ ސަބަބުން ސަރުކާރުގެ ނިޒާމު ވަރަށް ބޮޑަށް އެކަމަށް ހޭނި، އެފަދަ މަޝްވަރާތަކާއި އެއްބަސްވުމަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާ ކަމަށެވެ.