09 Mar 2017, 18:45
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމްގެ ހަނދާނުގައި އެ މަނިކުފާނުގެ އުފަން ރަށް، ރ. އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
އުނގޫފާރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ، އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރޭގައި އުޅުންތައް ބަހައްޓަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަދި ޑރ. އަފްރާޝީމަކީ ރާއްޖޭގެ ދީނީ ހާލަތު ރަނގަޅު ކުރެއްވުމަށް ހިކުމަތްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި މުފައްކިރެއްކަމަށާއި އެ މަނިކުފާނުގެ ދީނީ ހިދުމަތްތައް ރާއްޖޭގެ ހުރި އިޖްތިމާއީ މައްސަލަތަކަށް އަމާޒު ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ ކުރެހުމެއް ---
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒަކީ ރައީސް ޔާމީނާއި ޑރ. އަފްރާޝީމްގެ ގާތް ގުޅުން ރަމްޒު ކޮށްދޭ ބިނާއެއް ކަމަށާއި އެ ބިނާ ވެގެންދާނީ ޑރ. އަފްރާޝީމްގެ އާއިލާއަށާއި އެ ރަށުގެ ރައްޔިތުންގެ އިތުރުން މުޅި އަތޮޅަށް ލިބިގެންދާނެ ޝަރަފެއް ކަމަށެވެ.
"މި ބިނާ އަކީ މިސަރުކާރުން އުމްރާނީ ތަރައްގީއާ އެއްވަރަށް ރައްޔިތުންގެ ރޫހާނީ ތަރައްގީއަށް ވެސް އިސްކަން ދޭ ކަމުގެ ވަރުގަދަ ދަލީލެއް. ރާއްޖޭގެ އުތުރަށް އިސްލާމީ ނޫރު ފަތުރާލަދޭނެ ނޫރަކަށް އިރާދަކުރެއްވިޔާ މި މަރުކަޒު ވެގެންދާނެ،" މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒަކީ މާލެއިން އުތުރުގައި އަޅާ ފުރަަތަމަ އިސްލާމީ މަރުކަޒެވެ.
ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ މަރުކަޒުގައި 1000 މީހުންގެ ނަމާދު ކުރާ ހޯލަކާއި ކްލާސްރޫމްތަކާއި ލައިބްރަރީއެއް ހިމެނޭނެވެ.
މަރުކަޒު އެޅުމަށް ހަވާލުކޮށްފައިވަނީ ޑައިރެކްޓް ނެގޯޝިއޭޝަންސްގެ ދަށުން އެސްޖީ ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި މިމަހުގެ ދެވަނަ ދުވަހު އެ ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 510 ދުވަހުގެ ތެރޭގައި މިސްކިތް ނިންމަންޖެހެއެވެ.