09 Mar 2017, 17:48
އޯޓިޒަމް ހުންނަ ކުއްޖެއްކަމަށްވާ ލ. މާވަށް، މާބަގީޗާގޭ، އުމުރުން 14 އަހަރުގެއަހުމަދު ނަބީހުތިން މަސް ތެރޭގައި ކީރިތި ގުރުއާން ހިތުދަސް ކުރުން އެއީ ދުނިޔޭގެ ވަނައެއްގެ ގޮތުގައި އިމާދުއްދީންއިން ފާހަގަކޮށްފިއެވެ.
ހަ އަހަރުން ފެށިގެން އިމާދުއްދީންގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާހުގައި ކިޔަވަމުންދާ ނަބީހުގެ ކާމިޔާބީ ފާހަގަކުރުމަށްް ނަބީހުއާއި އޭނާގެ މަންމަ އައިމިނަތު މުހައްމަދާއި ބައްޕަ އަބްދުލް ގާދިރު ގާސިމަށް މިއަދު އިމާދުއްދީން ސުކޫލުން މަރުހަބާކީ ރަތްދޫލައިގައެވެ.
ނަބީހުއަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގަ ނަބީއާއި އޭނާގެ މައިންބަފައިން އިމާދުއްދީންގެ އިސްވެރިންނާއި މެހެމާނުންނާއެކު--- ސަންފޮޓޯ: މުހައްމަދު އަފްރާހް
އެސުކޫލުގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ނަބީހުގެ ކާމިޔާބީތައް ފާހަގަކޮށް ހަދާނީ ފިލައާއި ތަފާތު ހަދިޔާ ދީފައެވެ.
އިމާދުއްދީންގެ ލީޑިން ޓީޗަރު ފައުޒިއްޔާ މުހައްމަދު ވިދާޅުވީ ނަބީހް ހާސިލްކުރީ "ވޯލްޑް ރެކޯޑެއް" ކަމަށާއި އެކަން އޭނާ ކާމިޔާބްކުރީ ބޮޑެތި ގޮންޖެހުންތަކަކާއެކު ކަމަށެވެ. ނަބީހުގެ ކާމިޔާބީގެ ފަހަތުގައިވަނީ އޭނާ މަންމައާއި ބައްޕަގެ ހިތްވަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަބީހު ބައްޕަ ގާދިރު ބުނީ އެމީހުންގެ މަގުސަދަކަށްވީ މީޑިއާގައި ހީރޯއިންނަށްވުން ކަމަށާއި މަގުސަދަކަށްވީ ނަބީހުއަކީ މުޖުތަމައު ބަލައިގަންނަ އަދި ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ލިބޭނެ ކުއްޖަކަށް ހެދުން ކަމަށެވެ.
"ﷲގެ ހެޔޮރަހުމަތުން އަޅުގަނޑުމެން ކުރި މަސައްކަތުން ދެވުނީ މާދުރަށް، މިކަންކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި،" ނަބީހުގެ ބައްޕަ ބުންޏެވެ.
މިއަދުގެ ހަފްލާގައި ނަބީހުގެ ބައްޕަ ވާހަކަ ދައްކަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އޭނާ ވަނީ އިމާދުއްދީން ޓީޗަރުންގެ މަަސައްކަތް ފާހަގަކޮށް އެޓީޗަރުންނަށް ސެލިއުޓް ނަގާފައެވެ.
ނަބީހުގެ ބައްޕަވަނީ ދަރިންނަށް ހެޔޮ މަގު ދެއްކެވުމަށްޓަކައި ދަރިންގެ ހައްގުގައި ދުވާކުރުމަށް ގޮވާލާފައެވެ.
ނަބީހުގެ ކާމިޔާބީ ސިފަކުރަމުން އިމާދުއްދީން ސުކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް ލަތީފާ އަހުމަދު ވިދާޅުވީ އެއީ މުޅި ސުކޫލަށްވެސް ލިބިގެންދިޔަ އުފަލެއް ކަމަށާއި އެކަމަށް ނަބީހުގެ މައިންބަފައިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މާތްކަމާއި ކީރިތި ގުރުއާން ކިޔެވުމަށް ޑެޕިއުޓީ މިނިސްޓަރު އެތަނަށް ހާޒިރުވި ބޭފުޅުންނަށް ނަސޭހަތްތެރިވިއެވެ.
ނަބީހުގެ މަންމަ ސަން އަށް ކިޔައިދިންގޮތުގައި ނަބީހުއަކީ އެންމެ ކުޑައިރުން ފެށިގެން ގުރުއާނަށް ހާއްސަ ލޮއިބެއް ހުންނަ ކުއްޖެކެވެ. އޭނާއަކީ އޯޓިޒަމް ހުންނަ ކުއްޖަކަށްވުމާއެކު ގުރުއާން ކިޔަވަން ކުލާސްތަކަށް ގެންދިއުމުން ވަނީ ފުރުސަތު ނުދީފައެވެ. ނަބީހުގެ ގެއަށް އައިސް ގުރުއާން ކިޔަވައިދިނީ ގުރުއާން ކިޔަވައިދޭތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އަހުމަދު އަލި ދީދީ އެވެ.