މާޒިޔާއަކީ މާލޭ ލީގުގައި ވާދަކުރާ އެންމެ މޮޅު އަދި އެންމެ އޮގަނައިޒް ޓީމު ކަމަށާއި އެޓީމާ ދެކޮޅަށް ނިކުންނަ އިރު އެއްވެސް ވަރަކަށް މެޗު ފަސޭހަކޮށް ނުލާނެކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު ބުނެފިއެވެ.

ގްރީން ސްޓްރީޓް މިވަގުތު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގު ތާވަލްގެ އެއްވަނާގައެވެ. ގްރީން ސްޓްރީޓްވަނީ ލީގުގައި ވިކްޓަރީ ބަލިކޮށް ވެލެންސިއާ އާ އެއްވަރުކޮށްފައެވެ.

މިރޭ 21:00 ގައި ފަށާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސޮބާ ބުނީ ކޮންމެ މެޗަކާ ވެސް ކުރިމަތިލަނީ މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށާއި އަމާޒަކީ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

"މިއީ ލީގުގައި ގްރީން ސްޓްރީޓަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާން، މާޒިޔާއަށް އެއްވެސް ވަރަކަށް ދޫލެއް ނޫދޭނަން" ސޮބާ ބުންޏެވެ.

ލީގުގައި މިހާތަނަށް އެއް މެޗު ކުޅެ ތިން ޕޮއިންޓް ހޯދާފައިވާ މާޒިޔާގެ ކޯޗު ސެކޮލޮސްކީ ބުނީ ގްރީން ސްޓްރީޓަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ގްރީން ސްޓްރީޓަށް ކުރަން ޖެހޭ އިހްތިރާމް ކުރާނެ ކަމަށެވެ.

އޭނާ ބުނީ ގްރީން ސްޓްރީޓަކީ ކޯޗުގެ ބަސްއަހައިގެން ނަތީޖާ ނެރެން މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއްކަމަށެވެ.

"ގްރީންސްޓްރީޓްގައި އެބަ ތިބި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ކުޅުންތެރިން. ދެން އެޓީމުގެ ކޯޗަކީވެސް މޮޅު ކޯޗެއް. މި މެޗަކީ މާޒިއާ އަށް އުނދަގޫ މެޗަކަށްވާނެ،" ސެކޮލޮސްކީ ބުންޏެވެ.