09 Mar 2017, 15:06
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އޮތްވަރު ޓީމެއް ރާއްޖޭގައި ނެތް ކަމަށް އެ ކޮމިޝަންއިން ބުނެފިއެވެ.
އޭސީސީން މިދިޔަ އަހަރު ދައުވާ ކުރަން 14 މައްސަލައެއް ފޮނުވިއިރު ޖުމްލަ 70 މައްސަލައެއް އަނބުރާ އެ ކޮމިޝަނަށް ޕުރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ ފޮނުވާލާފައެވެ.
އެކަމާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުތަކުގެ ފެންވަރާ ގުޅޭ ގޮތުން 'ސަން'އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާ ކޮރަޕްޝަންގެ ބައެއް މައްސަލަތައް ވެސް ތަހުގީގު ކުރަނީ އެ ޓީމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ ރާއްޖޭގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަޅުގަނޑުމެންގެ ޓީމަށް ވުރެ ކުޅަދާނަ ޓީމެއް ނުހުންނާނެ،... މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައެޅޭ ކޮރަޕްޝަންގެ މައްސަލަތައް ވެސް އެބޭފުޅުން ތަހުގީގު ކުރުމަށް ފޮނުވާނީ އޭސީސީއަށް،" މުއައްވިޒު ވިދާޅުވިއެވެ.
އޭސީސީގެ ހާއްސަ ތަހުގީގީ ތިން ޓީމަކުން ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކާއި އާސަންދަ އާއި އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭސީސީއިން މިދިޔަ އަހަރު 829 މައްސަލައެއް ނިންމިއިރު އޭގެ ތެރެއިން އެންމެ 14 މައްސަލާގައި ދައުވާ ކުރަން ފޮނުވީ ކީއްވެގެންތޯ ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ އެކޮމިޝަންގެ ބޭނުމަކީ ދައުވާކުރުން ނޫން ކަމަށެވެ.
"ތަހުގީގް ކުރުމަކީ ކަމެއްގެ ހަގީގަތް ހޯދުން، ތަހުގީގު ކުރުމަކީ ބަޔަކަށް އަދަބު ދިނުމެއް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހަގީގަތް ހޯދުން، އެހެންވީމަ އަޅުގަނޑުމެންގެ ޓާގެޓަކީ ޕުރޮސިކިއުޓް ކުރުމެއް ނޫން،" މުއައްވިޒު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކަށް ފާރަވެރިވެ އެ މައްސަލަތައް ބެލުމުގެ ޒިންމާ ގާނޫނުން ލާޒިމް ކުރާ އޭސީސީއަށް މިދިޔަ އަހަރު ދައުލަތުން ވަނީ 33 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ކޮމިޝަންގައި މި ވަގުތު ނުނިމިހުރި މައްސަލަތަކުގެ އަދަދު 2000 އަށްވުރެ އިތުރެވެ.