އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއަކުން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާ ކުރިކަމުގެ މައްސަލަ ވ. އަތޮޅު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމުން، އެ ސްޓޭޝަނުގެ އޭރުގެ ކޮމާންޑަރު އެ މައްސަލައަށް އިސްކަންދީފައި ނުވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ ވަކީލާ، އަދި ޑެޕިއުޓީ ޕީޖީ މަރްޔަމް ނިހާޔަތު ވިދާޅުވީ، އިބްތިހާލަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަ ހައިޕްރިއޯރިޓީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުނު ނަމަވެސް، އެ ބީދައިން އެ މައްސަލައަށް ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އޭރުގެ ކޮމާންޑަރު ލިސާން އަބޫބަކުރު އެޓެންޑުކޮށްފައި ނުވާ ކަމަށެވެ.

ދިފާއުގައި ވާހަކަ ދައްކަވަމުން ލިސާންގެ ވަކީލު ވިދާޅުވީ، ލިސާން އަމިއްލަ މަސްލަހަތަށް އިސްކަންދީފައިނުވާ ކަމަށެވެ. އަދި ވ. އަތޮޅު ފެލިދޫ ސްޓޭޝަނުގައި ލިސާން މަސައްކަތް ކުރަމުން ދިޔައީ، އެކްޓިން ކޮމާންޑަރެއްގެ ގޮތުގައި ކަމަށެވެ.

އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭ މައްސަލަތައް އިންވެސްޓިގޭޝަން އޮފިސަރަށް ހުށަހަޅަންޖެހޭ ކަމަށާއި، ނަމަވެސް އެ ސްޓޭޝަނުގައި އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އެއްވެސް ނެތް ކަމަށް ލިސާންގެ ވަކީލު ވިދާޅުވި އެވެ.

އިބްތިހާލަށް އަނިޔާ ލިބެމުންދާކަމުގެ މައުލޫމާތު ލިބުމުގެ ތިން ދުވަސް ކުރިން ލިސާން، އެ ސްޓޭޝަނުގައި އައިއޯ އެއް ނެތުމުން އައިއޯއެއް ހަމަޖައްސައި ދިނުމަށް އެދި ޑިވިޝަން ކޮމާންޑަރަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ލިސާންގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން އެކަމަށް ރައްދު ދެއްވައި ވިދާޅުވީ، އައިއޯއެއް ނެތީ، އޭނާ ޗުއްޓީއަށް ދިއުމުން ކަމަށާއި، ޗުއްޓީއަށް އައިއޯ ފޮނުވާފައި ވަނީ، ޑިވިޝަން ކޮމާންޑަރު ގާތު އައިއޯގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ނަގާނެ ކަމަށް ލިސާން ބުނުމުން ކަމަށް ޑިވިޝަން ކޮމާންޑަރުގެ ބަޔާނުން އެނގެން އޮންނަ ކަމަށެވެ.

އޭގެ އިތުރުން ލިސާނަކީ، ކުރިން ވެސް މައްސަލަތައް ތަހުގީގުކޮށްފައިވާ މީހެއް ކަމަށާއި، މައްސަލަތައް ތަހުގީގު ކުރުމުގެ އެ ގާބިލްކަން ހުރި މީހެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭނާ އަކީ އެ ފަދަ މައްސަލަތަކާއި ގުޅޭ ތަމްރީނު ހަދާފައިވާ ފަރާތެއް ކަމަށެވެ.

ލިސާންގެ ފަރާތުން ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ، އެޗްއާރުސީއެމްގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށެވެ. އެގޮތުން ތަހުގީގުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް އަމަލު ނުކޮށް ހިންގި ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ، އެޗްއާރުސީއެމް އަށް ލިސާން ހާޒިރުކުރީ ޗިޓެއް ފޮނުވައިގެން ނޫން ކަމަށާއި، ފޯނު ކޯލަކުން ކަމަށެވެ. އަދި އޭގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ލިޔުމުން އަންގާފައި ނުވާކަން ވެސް ލިސާނުގެ ވަކީލު ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު އެކަމާ މެދު ވިދާޅުވީ، އެޗްއާރުސީއެމްގެ ތަހުގީގުގައި ވަކީލެއް ހޯދުމުގެ ހައްގާއި ހަނުހުރުމުގެ ހައްގުވެސް ލިސާނަށް ފޯރުކޮށްދިން ކަމަށާއި، އެކަން ތަހުގީގީ ބަޔާނުންވެސް އެނގެން އޮންނަ ކަމަށެވެ. އަދި ވަކީލަކު ބޭނުން ނުވާކަމަށް ލިސާން ބުނި ކަމަށް އެޗްއާރުސީއެމަށް ދިން ބަޔާނުން އެންގެން އޮންނަ ކަމަށެވެ.

ލިސާންގެ ފަރާތުން ނެންގެވި ނުކުތާ ދިރާސާ ކުރުމަށްފަހު، އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ދެން އޮންނަ އަޑު އެހުމެއްގައި ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނަމަ، ދެ ފަރާތުންވެސް ހެކި ހުށަހެޅުން އޮންނާނެ ކަމަށެވެ.

އެ މައްސަލައިގެ އަޑު އެހުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިމަހުގެ 29 ވަނަ ދުވަހަށެވެ.