09 Mar 2017, 12:44
މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމައި އަންނަ މަހު އާންމު ކުރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ މިދިޔަ އަހަރު އަހަރީ ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގެ ތަހުގީގު އަންނަ މަހު އާންމު ކުރާނެ ކަމަށެވެ.
"މިހާތަނަށް އެއްވެސް ރިޕޯޓެއް ހާމަނުކޮށް އޭސީސީން ނޯންނާނެ، އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ ތަހުގީގު ނިންމައި އޭޕްރީލްމަހުގެ ތެރޭގައި އާންމު ކުރާނަން،" ލުތުފީ ވިދާޅުވި އެވެ.
މިސަރުކާރުގެ އިސްވެރިން ހިމެނޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި 1.2 ބިލިޔަން ރުފިޔާ ވަނީ ދައުލަތުން ގެއްލިފަ އެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ސަރުކާރުން މިވަގުތު މަޑުކޮށްގެން އޮތީ އޭސީސީގެ ތަހުގީގު ރިޕޯޓަށް ކަމަށެވެ.
އަނިލް ވިދާޅުވީ، އެމްއެމްޕީއާރުސީން ގެއްލުނު 1.2 ބިލިޔަން ރުފިޔާގެ ފައިސާ ހޯދުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެ ބޮޑު ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުރި އަބްދުﷲ ޒިޔަތުގެ ވަނީ ހައްޔަރުކޮށްފައެވެ.