09 Mar 2017, 12:28
ސުއިދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިލް އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެ ވަޑައިގަންނަވާ ދަނޑިވަޅާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ހިންގާ ހަރަކާތްތައް ހުއްޓާލުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މޫސަ މިއަދު ސަން އަށް ވިދާޅުވީ ސުއިދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ދަނޑިވަޅާ ދިމާކޮށް އެމްޑީޕީގެ ވަކި ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކަކީ ވަރަށް ހިތްދަތި ކަމެއް ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގެ "ހަރުކުލައިގެ މީހުން" އޭނައަށް ގުޅައި އެފަދަ ކަންބޮޑުވުންތައް ހިއްސާކުރަމުން އަންނަ ކަމަށެވެ.
"އެމްޑީޕީގެ ވަރަށް ގިނަ ހަރުކުލައިގެ މީހުން އަޅުގަނޑާ އެބަގުޅަމުން ގެންދޭ. އެހެންވިޔަ ނުދޭށޭ ކިޔާފައި. ނަމަވެސް އަޅުގަނޑަކީ ޕާޓީން ބޭރުކޮށްފައި ހުރި މީހެއް. އަޅުގަނޑު އެމްޑީޕީގެ އާންމު މެމްބަރުންނަށް އަދި މިކަމުގައި ހަރަކާތްތެރިވާ އަދި ރައީސް ނަޝީދު ވަށައިގެން އެނބުރޭ އެންމެނަށް ގޮވާލަން އެކަން ހުއްޓާލާށޭ އެކަމެއް ނުކުރާށޭ،" މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމުގެ ވެރިމީހާ ދިމާލަށް ކުރީގެ ެަރައީސް މުހައްމަދު ނަޝީދު ބޭނުންހާ އެއްޗެއް ގޮވުމަކީ އެޕާޓީގެ މެމްބަރުން ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެއް ކަމަށެވެ.
ސައުދީގެ ރަސްގެފާނު ރާއްޖެ ވަޑައިގަތުމާއި ބޭރުގެ އެހެން އިއްޒަތްތެރިޔަކު ރާއްޖެ ވަޑައިގަތުމާ ވަރަށް ބޮޑަށް ތަފާތު ކަމަށާއި ދިވެހީންނަށް ހައްޖު ވިސާ ދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުންފަދަ މުހިންމު އެހީތެރިކަން ސައުދީ ސަރުކާރުން ދެމުން އަންނަ ކަމަށް މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ސައުދީން އިންވެސްޓްކުރަން އުޅުމަކީ އެކަމާ އުފާކުރަން ޖެހޭ ކަމެއް ކަމަށާއި މީގެ ކުރީގެ އެކި ސަރުކާރުތަކުން ހާއްސަކޮށް އެމްޑީޕީގެ ސަރުކާރުން ވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކާއި ފަޅުތައް ދިގުމުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ.
"ރާއްޖޭގައި 99 އަހަރަށް ބައިވަރު ރިސޯޓު ތަކާއި ބައިވަރު ރައްތަކާއި އެންމެ ކުޑަވެގެން ފަޅުތަކަށް ދަންދެކަ މިހާރު މިހުރީ ހުރިހާ ސަރުކާރުން ވެސް ކުއްޔަށް ދީގެން ނުވަތަ 99 ނުވަ އަހަރަށް ދީގެން ލާރި ހޯދަމުން މިގެންދަނީ،" މޫސަ ވިދާޅުވިއެވެ.
ސައުދީ އަރަބިއާއާ ހަވާލުކޮށްގެން ފ. އަތޮޅުގައި ސަރުކާރުން ހިންގަން އުޅޭ ތަރައްގީގެ މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި މޫސަ ވިދާޅުވީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.