ގައުމީ އެއާލައިން މޯލްޑިވިއަންއިން އަވައްޓެރި ސުރީލަންކާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ކުރުމަށް ނިންމާފައި ވަނީ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަކަށް ނޫނެވެ. އެ ދަތުރުތައް ކުރަނީ ލަންކާގެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓްކަމަށްވާ ރަޓަމަލާނާ ކޮލަމްބޯ އެއާޕޯޓަށެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލްހާރިސް މިއަދު ސަން އަށް ވިދާޅުވީ އޭޕްރީލްގެ ކުރިން އެ ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު އެހެން އެއާލައިންތަކަށް ވުރެ ޓިކެޓުގެ އަގު ހެޔޮވާނެ ކަމަށެވެ. ޓިކެޓުގެ ސީދާ އަގު އަދި ހާމައެއް ނުކުރެ އެވެ.

"މިހާރު ލަންކާއަށް ދަތުރުކުރާ އެއާލައިންތަކަށް ވުރެ އަޅުގަނޑުމެންގެ ޓިކެޓު އަގުހެޔޮވާނެ،" ހާރިސް ވިދާޅުވި އެވެ.

ހާރިސް ވިދާޅުވީ ބަންޑާރަނައިކް އެއާޕޯޓަކީ އިންތިހާ ބާރުބޮޑު އެއާޕޯޓަކަށްވާ އިރު ކޮލޮމްބޯ އެއާޕޯޓަށް ދަތުރުތައް ފެށުމާ އެކު ދެހެވެލަ ފަދަ އަވަށަތަކަށް 15 ވަރަކަށް މިނެޓުތެރޭގައި ދެވުމާއި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ފަސޭހައިން ހޮސްޕިޓަލްތަކަށް ދެވޭނެ ކަމަށް ހާރިސް ވިދާޅުވި އެވެ.

"މިހާރު އެއެއާޕޯޓް ބޭނުންކުރަނީ ވީވީއައިޕީއަށް އެކަނި، މޯލްޑިވިއަންއިން ދަތުރުތައް ފެށުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ، އަޅުގަނޑުމެން ދިވެހި ސުޓާފުން ބައިތިއްބާނަން،" ހާރިސް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަންއިން ވަނީ ލަންކާއަށް ދަތުރުތައް ފަށާފަ އެވެ. ނަމަވެސް އެފަހަރު ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލައިފަ އެވެ.

ހާރިސް ވިދާޅުވީ މިފަހަރު އެގޮތަށް ދިމާނުވާނެ ކަމަށާއި މިފަހަރު ދަތުރުތައް ފަށަނީ 13000 ދިވެހިން ދިރިއުޅޭ ލަންކާއަށް ދިވެހިން ދިއުމަށް ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.