ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގެ ހުކުމް އިއްވުން ދިފައީ ހެކީން ބަޔަނުގައި ސޮއިނުކުރާތީ ފަސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު ސަން އަށް ވިދާޅުވީ ދިފާއީ ހެކީން ބަޔާންތަކުގައި ސޮއިކުރަން ދިފާއީ ހެކީން ކޯޓަށް ހާޒިރުވެފައިނުވާތީ އޭގައި ސޮއިކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން މިއަދު 11:00 އަށް ތާވަލްކުރި ހުކުމް އިއްވުމުގެ މަޖިލިސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 28 ވަނަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާ ކަމަށެވެ.

އެ ދައުވާއަށް ވިސާމް އިންކާރު ކުރުމުން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި، ދިފާއުގައި ވިސާމް ހުށަހެޅި ހެކީންގެ ހެކިބަސްވެސް ވަނީ ނަގާފަ އެވެ. ހެކީގެ ގޮތުގައި ދައުލަތުންވަނީ ވީޑިއޯ ފްޓޭޖެއްވެސް ހުށަހަޅާފަ އެވެ.

ވަސީމްގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، ވިސާމްގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ކަމުގައިވާއިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ގޮތުން އޭނާ ކުރީ ކޮން ކަމެއްކަން ހެކީންގެ ހެކިބަހުންނާއި ވީޑިއޯ ފްޓޭޖުން ވެސް ނޭނގޭ ކަމަށެވެ.

މީގެ ކުރިން ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހަމަ އެ ދައުވާ ސާބިތުވެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށް ވެސް ވަނީ އެ ހުކުމް އިއްވާފައެވެ.

އޭގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދަައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ ސާބިތުވެ އޭނާ ވަނީ 3000 ރުފިޔާއން ޖޫރިމަނާ ކޮށްފަ އެވެ.