ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ހަނދާނުގައި، އަމީނިއްޔާ ސްކޫލުން ދޭ މުހައްމަދު އަމީން ދީދީ އެވޯޑް ސ. ހުޅުދޫ/ ޖަވާހިރުވިލާ، މަރިޔަމް މަލާކް ހުސެއިން ރަޝީދަށް ލިބިއްޖެއެވެ.

އަމީން ދީދީ ސްކޮލަޝިޕަކީ އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ހަރަކާތާ ގުޅިގެން އުފައްދާފައިވާ ޓްރަސްޓް ފަންޑުގެ ދަށުން މީގެ 22 އަހަރު ކުރިއްސުރެއް ފެށިގެން ދެމުން އަންނަ ސްކޮލޮޝިޕެކެވެ.

އަމީނިއްޔާ ސްކޫލުގެ އެކި މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މަލާކްއަށް ސްކޮލޮޝިޕް އެވޯޑް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މިއަހަރުގެ އަމީން ދީދީ އެވޯޑް ލިބުނު މަލާކް އަކީ ސ. ހުޅުދޫ ސްކޫލުން ގްރޭޑް ހަތެއް ނިންމައި އަމީނިއްޔާ ސްކޫލާ ގުޅުނު ދަރިވަރެކެވެ. ހުޅުދޫ ސްކޫލުގެ ސީނިއާ ޕްރިފެކްޓެއްގެ މަގާމް އަދާކުރި މަލާކް ވަނީ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމާއި އިނގިރޭސި ކުލަބްގެ ކެޕްޓަންވެސް ކޮށްފައެވެ.

އަމީނިއްޔާ ސްކޫލުގެ އެކި މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުހައްމަދު އަމީން ދީދީ އެވޯޑް 1994 ވަނަ އަހަރު އަމީނިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ހަރަކާތާ ގުޅިގެން އުފައްދާފައިވާ ޓްރަސްޓް ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް އަތޮޅުތެރޭގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމާ ދަރިވަރަކަށް އެ ސްކޫލުން ކިޔަވާ ނިމެންދެން ދޭ އެވޯޑެކެވެ.

އެ އެވޯޑް ލިބޭ ދަރިވަރަކަށް އޯލެވެލް އިމްތިހާނު ނިމެންދެން ސްކޫލުގެ ބައެއް ހަރަދުތައް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް ސްކޫލް ނިމެންދެން ކޮންމެ މަހަކުު ޕޮކެޓް މަނީ އެއްވެސް ދެއެވެ.

އެ އެވޯޑް ދެނީ އެވޯޑުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަކަށެވެ.

އަމީން ދީދީ އެވޯޑްގެ ދަށުން މިހާތަނަށް 18 ދަރިވަރަކު އަމީނިއްޔާ ސްކޫލުން ތައުލީމް ހާސިލްކޮށް ނިމިފައިވެއެވެ. އަދި މިހާރުވެސް ގްރޭޑް 9 އަދި 10 ގައި އަމީން ދީދީ އެވޯޑް ހާސިލްކުރި ދެ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ.

އަމީނިއްޔާ ސްކޫލުގެ އެކި މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް ލީޑަރުންގެ ގޮތުގައި 16 ދަރިވަރުން ހުވާކޮށްފައިވެއެވެ. އެގޮތުން މިއަހަރު ސްކޫލް ކެޕްޓަނަކަށް ހޮވިފައިވަނީ މަރިޔަމް ތުގާ ޒިޔާދެވެ. އަދި ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ ޒައިނާ މުހައްމަދު ސާލިހެވެ.

އެ ދަރިވަރުންނަށް މަގާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، ގާނޫނީ ވަކީލް އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި މިއަހަރު 45 ޕްރިފެކްޓުން ހުވާކޮށްފައިވެއެވެ. ޕްރިފެކްޓުންގެ ގޮތުގައި ހޮވުނު ދަރިވަރުންނަށް ޕްރިފެކްޓުގެ ޓައި ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއި ޕީޓީއޭގެ ނައިބް ރައީސް ފަތުހުއްﷲ މުފީދެވެ.

އަމީނިއްޔާ ސްކޫލުގެ އެކި މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ