މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް، އަންނަ މަހުގައި އިތުރު ގައުމަކާ އެކު މަޝްވަރާ ފަށަން ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން އެގައުމުގެ އޮފިޝަލުންނާ އެކު މިހާރު ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ މަސް ތެރޭގައި އިތުރު ގައުމަކާ އެކު އޭގެ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ހާމައެއް ނުކުރައްވައެވެ. މިނިސްޓަރު ވިދާޅުވީ އަދި ފަހުން އެގައުމުގެ ނަން ހާމަ ކުރައްވާނެ ކަމަށެވެ.

ަމިނިސްޓަރު ސައީދު މިހެން ވިދާޅުވި އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އެމަނިކުފާނު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަޕާނަށް ރާއްޖެއިން ދައުވަތު ދީފައިވާކަން ހާމަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓް ކަމުގައިވާ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކޮށް ނިންމައި، އަދި ހޮންގް ކޮންގްއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކުރިއަށްދާއިރު މިނިސްޓަރު ވިދާޅުވީ ޗައިނާ އާ އެކު ކުރަމުންދާ މަޝްވަރާތަކުގެ ސަބަބުން ސަރުކާރުގެ ނިޒާމު ވަރަށް ބޮޑަށް އެކަމަށް ހޭނި، އެފަދަ މަޝްވަރާތަކާއި އެއްބަސްވުމަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވާ ކަމަށެވެ.

"ޗައިނާ އާ އެކު ރާއްޖެ މިދިޔައީ ފުރަތަމަ ފަހަރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް. ދިޔަ ފުރަތަމަ ފަހަރު ކަމަށްވީމަ އަޅުގަނޑުމެންނަށްވެސް އިންސްޓިޓިއުޝަނަލީ ސަރުކާރު ތެރެއިން ވެސް އަޅުގަނޑުމެންނަށް މިހިރީ ސިސްޓަމްތައް އިންތިޒާމު ކުރެވިފަ މިފަދަ ކަމަކަށް މުޅި ސަރުކާރު އެއްކޮށް ގުޅިގެން މަސައްކަތް ކުރެވޭ ގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޗައިނާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުލަ ޖެހި އަންނަ ޖޫން މަހުގެ ކުރިން އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހި މަސްވެރިންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.