އިންޑިއާގެ ސިންގަލް އިންޖިނިއަރިންގްއާ ގުޅިގެން ރެއިންބޯ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި "ރެއިންކްރެސްޓް ރެޒިޑެންސް"ގެ ނަމުގައި ރިއަލް އެސްޓޭޓު މަޝްރޫއު އިއުލާން ކޮށްފިއެވެ. ރެއިންކްރެސްޓް ރެޒިޑެންސުގައި ފަސް ބާވަތުގެ 136 ފްލެޓު ހިމެނޭ އިރު، އެ ފްލެޓުތައް ބުކް ކުރުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލެވިފައެވެ.

ރެއިންކްރެސްޓް ރެޒިޑެންސްއަކީ ރެއިންބޯ ކޮންސްޓްރަކްޝަނާއި އިންޑިއާގެ ސިންހަލް އިންޖިނިއަރިންގް ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ، ރެއިންބޯ-ސިންހަލް ޑިވެލޮޕާސް ކުންފުނިން ހުޅުމާލޭގައި، 14 ބުރީގެ ދެ ޓަވަރަށް ވާ ގޮތަށް އިމާރާތްކުރާ ޕްރޮޖެކްޓެކެވެ.

ރެއިންބޯ ކޮންސްޝަނުން ބުނާ ގޮތުގައި މި މަޝްރޫއު ހިންގުމުގެ ހުއްދަ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެކުންފުންޏަށް ދިނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެކުންފުނިން ބުނީ ހުޅުމާލެ ފެރީ ޓާމިނަލާ 10 މިނިޓު ދުރުގައި އޮންނަ އެ ބިމުގެ ސޮއިލް ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

ރެއިންބޯ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު ވިދާޅުވި ގޮތުގައި، މިއަދު "ރެއިންކްރެސްޓް ރެޒިޑެންސް" މަޝްރޫއު އިފްތިތާހު ކޮށްފައިވާ އިރު، އެ ޕްރޮޖެކްޓްގެ ދަށުން ހަދާ ފްލެޓުތައް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރެއިންކްރެސްޓްގައި ހިމެނޭ ކޮޓަރިތަކުގެ ތަފްސީލާއި އަގުތައް

  • އެއް ކޮޓަރީގެ 44 އެޕާޓްމެންޓް (1، 1.1، 1.2، 1.4 އަދި 1.6 މިލިޔަން ރުފިޔާއަށް)
  • ދެެ ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 44 އެޕާޓްމެންޓް (2.3، 2.4، 2.5، 2.6، 2.7 އަދި 2.9 މިލިޔަން ރުފިޔާއަށް)
  • ތިން ކޮޓަރީގެ 33 އެޕާޓްމެންޓް (2.4، 2.7، 3.1 އަދި 3.5 މިލިޔަން ރުފިޔާއަށް)
  • ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 11 އެޕާޓްމެންޓް (3.5 - 3.9 މިލިޔަން ރުފިޔާއަށް)
  • ހަތަރު ޕެންޓްހައުސް

ރެެއިންބޯއިން މައުލޫމާތުދޭ ގޮތުގައި ރެއިންކްރެސްޓް އެޕާޓްމެންޓްސްގައި އެމެނިޓީސްގެ ގޮތުގައި ޓެރަހުގައި ޕޫލަކާއި، ފުލީ އިކުއިޕްޑް ޖިމަކާއި، ފުލީ އިކުއިޕްޑް ކިޑްސް ކްލަބެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހުންނާނެއެވެ.

މީގެ އިތުރުން ސައިކަލާއި ކާރު ޕާކިންގްއަށް ވެސް ތިރީގައި ޖާގަ އޮންނާނެއެވެ. ރެއިންބޯއިން މައުލުމާތު ދޭ ގޮތުގައި ރެއިންކްރެސްޓް ރެޒިޑެންސުން އޯޝަން ވިއު އަދި ހުޅުމާލެ ސެންޓްރަލް ޕާކުގެ ވިއު ވެސް ލިބޭނެއެވެ.

ރެއިންބޯއިން ބުނާ ގޮތުގައި، މަޝްރޫއުގެ ޑީޓެއިލް ޑިޒައިނުގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި، އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު "ރެއިންކްރެސްޓް ރެޒިޑެންސް"ގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަސައްކަތް ފަށާތާ 24 މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް ރެއިންބޯއިން މައުލޫމާތު ދެއެވެ.

ރެއިންބޯ ކޮންޓްރަކްޝަނުން ބުނީ މި މަޝްރޫއަށް އިކުއިޓީ އިންޖެކްޓްކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފައި ކަމަށެވެ. އެގޮތުން 20 ޕަސަންޓުގެ އެޑްވާންސް، ބުކިންގްއާ އެކު ދެއްކުމަށްފަހު 24 މަހަށް ބަހާލައިގެން އިތުރު އިކުއިޓީ އިންޖެކްޓް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

"ރެއިންކްރެސްޓް ރެޒިޑެންސް"އިން އެޕާޓްމެންޓް ބުކް ކުރަން އެދޭ ފަރާތްތަކުން ރެއިންބޯ ހެޑް އޮފީހުން އެކަމަށް ބޭނުންވާ މައުލޫމާތާއި އެޕްލިކޭޝަން ފޯމު ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ރެއިންކްރެސްޓް ރެޒިޑެންސްގެ ވެބްސައިޓު ލޯންޗުކުރާނެ ކަމަށްވެސް ބުނެއެވެ.

ރެއިންބޯއިން މިދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ހުޅުމާލޭގައި "އޯޝަންފްރަންޓް ރެސިޑެންސްގެ ނަމުގައި" އަޅާ 145 ފްލެޓުގެ އިމާރާތުގެ މަސައްކަތް އިއުލާންކޮށް، ބުކިންގްއަށް ހުޅުވާލައިފައެވެ.