އިދިކޮޅު ފަރާތްތަކުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ފަހަތުގައި ވަނީ ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށްޓަކައި ހިންގަމުންދާ ބޮޑެތި މަސްރޫއުތަކުގެ ތަސައްވަރު ބަދަލުކޮށް އެކަން ކިލަނބުކޮށްލުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީގައު ހިމެނިވަޑައިގެންނާ ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 26 މެމްބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހައްވެއްދީ މިއަދުއެވެ. އަދި އޭގެ މާގިނައިރުތަކެއް ނުވެ ޕީޕީއެމްއާ ގުޅުފައިވާ އެމްޑީއޭ އަދި ޑީއާރުޕީގެ އިސްފަރާތްތަކާ އެކު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ނިހާން ވިދާޅުވީ، މަޖިލީހުގެ ތެރެއިން އެ މައްސަލަ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަމަށްޓަކައި ޕީޕީއެމްއާ ގުޅިފައިވާ ޕާޓީތަކުން ހޭލާ ތިބި ކަމަށެވެ.

"ސަރުކާރުން ތަރައްގީއަށްޓަކައި މިކުރަމުންދާ ބޮޑެތު މަސައްކަތްތަކުގެ ކުލަވަރުގެ ތަސައްވަރު ބަދަލުކޮށްލައި އެކަން ކިލަނބުކޮށްލައި ހާއްސަގޮތެއްގައި ރާއްޖެއަށް ކުރިމަގުގައި އަންނަން ހުރި ބައިނަލްއަގްވާމީ ބޮޑެތި އިންވެސްޓްމަންޓްތައް، ހާއްސަގޮތެއްގައި ސައުދީ ރަސްގެފާނުގެ ޒިޔާރަތާއެކު އަދި އޭގެ ފަހުން ދިވެހި ރައްޔިތުންނަށް ޒަމާނަކު ނުލިބޭ ފަދަ ތަރައްގީތަކެއް ލިބިގެންދާނެ ދޮރުތަކެއް ހުޅުވެގެންދާނެތީވެ އެކަމަށް މޭ ކަރައިގެން އެކަމުން ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ދިނުމައްޓަކައި އަޑީގައި ތިބެގެން ބަޔަކު ރާވަމުން ގެންދާ ކަމެއް މިއީ،" މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ އެއްވެސް ތާކުންތާކު ނުޖެހޭ، ހުއްޖަތެއް ނެތް މައްސަލައެއް ކަމަށާއި މިހާތަނަށް ވެސް މަޖިލީހުން ކަންކަން ނިންމަމުން ގޮސްފައިވަނީ މެޖޯރިޓީއަށް ކަމަށެވެ.

"ގިނަ ބަޔަކު ނިންމާ ނިންމުމަށް އިއްތިފާގުވުން އެއީ ޑިމޮކްރެސީގެ އެންމެ ރިވެތި އެއް ސިފަ. މަޖިލީހުން މިހާތަނަށް ކަންކަން ކުރަމުން މިގެންދަނީ މަޖިލީހުގެ މެޖޯރިޓީއަށް. މަޖިލީހުގެ ރައީސަކީ އެންމެ ބޭފުޅެއް. މަޖިލީހުގެ ރައީސް މަސަތްކަތްފުޅު ކުރައްވަނީ ތާއިދުއޮވެގެން ޑިމޮކްރެސީގެ އޮނިގަނޑުގެ ތެރެއިން،" ނިހާނު ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ، ޕީޕީއެމްގެ ފުރިހަމަ މެޖޯރިޓީ މަޖިލީހުގެ ކަންކަން ނިންމުގައި އޮތް ނަމަވެސް އިދިކޮޅު ފަރާތްތަަކުގެ ބައިވެރިވުން ހިމެނުމުގެ ގޮތުން ވަރަށް ގިނަ ކަންކަމުގައި އެފަރާތްތަކަށް ދޫދީފައިވާނެ ކަމަށެވެ.