30 Jun 2011, 19:44
ކ. ތުނބަފުށީ މައްސަލާގައި މ. ޗަމްޕާ ހެވަން މުހައްމަދު މޫސާ )އުއްޗު( 100 މިލިޔަން ރުފިޔާ އިން ޖޫރިމަނާ ކުރިއިރު އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ )އީޕީއޭ( އިން ހަދާފައިވާ ދިރާސާ ރިޕޯޓްތަކާއި، ހިސާބުތަކުގެ ތަފްސީލް އަދިވެސް ހަމަޔަކަށް ނުލިބޭކަމަށް އުއްޗުގެ ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ، މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު ފަންނީ މީހުންގެ އެހީއާއި އެކު ގަބޫލް ކުރެވުނީ ޖޫރިމަނާ ދެއްކުމާ ބެހޭ ގޮތުންނާއި އަދި ސަރުކާރުން ނިންމާފައި ހުރި ނިންމެވުމަށް ޖަވާބުދާރީ ވެވޭނީ މުހައްމަދު މޫސާގެ ޖޫރިމަނާކުރުމުގެ ކުރިން އީޕީއޭން ހެދި ސާވޭތަކާއި ރިޕޯޓްތަކުގެ ކޮޕީ ލިބިގެން ކަމަށެވެ.
"ތަފްސީލް ތަކޭ ކިޔާފައި ފޮނުއްވި ރިޕޯޓްތައް އަޅުގަނޑު މެންނަށް ލިބުނީ މިމަހުގެ 29 ވަނަ ދުވަހު. އެލިބުނު ރިޕޯޓްތައް ބެލިއިރު ފާހަގަ ކުރެވުނީ ރިޕޯޓްތައް ފުރިހަމަަ ނުވާކަމަށް. ޖޫރިމަނާ ކުރައްވާފައި ހުރި ހިސާބްތަކުގެ ތަފްސީލް ވެސް ލިބޭކަށް ނެތް،" އާޒިމާ ވިދާޅުވި އެވެ.
އެހެންކަމުން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
މީގެ އިތުރުން އާޒިމާ ވިދާޅުވީ މިމައްސަލައާ ބެހޭގޮތުން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރަކީ ޝަރީއަތަށް މިހާރު ހުށަހެޅިފައި އޮތް މައްސަލަ ނިމެންދެން ފައިސާ ދެއްކުން ލަސް ކުރުމުގެ ވަގުތީ އަމުރެއް ކަމަށެވެ.
ޖޫރިމަނާ ފަސްކުރުމަށް ކޯޓުން އަމުރު ނެރުނީ، ޖޫރިމަނާ ކުރުމަށް އީޕީއޭން އަންގާފައިވާ އެންގުމަށް "އަލަމްކުރަންޖެހުމަކީ އެކަމުގައި އެންމެ އަދަލުވެރިކަމާ ގާތް ގޮތް ކަމުގައި ނުވާތީ" ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ޖޫރިމަނާ ފައިސާ ދެއްކުމަށް އުއްޗު އަށް އީޕީއޭން ދިން މުއްދަތު ހަމަވީ ވެސް މިއަދަށެވެ.
އީޕީއޭ އިން ބުނެފައި ވަނީ ތުނބަފުއްޓާއި އެ ރަށް ހިމެނޭ ފަޅު ސާވޭކޮށް ބެލިއިރު، އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސައްކަތްކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން 2،730،293،566ރ. އަރާ ކަމަށެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމުން އެ އަދަދުން މުހައްމަދު މޫސާ ޖޫރިމަނާ ކުރީ ކަމަށް އީޕީއޭން ބުނެފައިވެ އެވެ.