ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހަމައެކަނި އަންހެން ކެޕްޓަނުންނާއި ކެބިން ކުރޫއިން ހިމެނޭގޮތަށް ގައުމީ އެއާލައިންއިން ދަތުރުކޮށްފިއެވެ.

މޯލްޑިވިއަންއިން މިއަދު މެންދުރު މާލެއިން ދަރަވަންދޫއަށް ކުރި ދަތުރުގެ ކެޕްޓަނަކީ އައިމިނަތު އިބްތިޝާމްއެވެ. ފަސްޓް އޮފިސާއަކަށް ހަރަކާތްތެރިވީ ފާތިމަތި ނަތާޝާ އެވެ. ކެބިން ކުރޫއިންނަށްވެސް ހަރަކާތްތެރިވީ އަންހެންކުދިންނެވެ.

ދެ ޖިންސުގެ ފަސެންޖަރުން ގޮވައިގެން އެފުލައިޓް ދަރަވަންދޫގައި ޖެއްސުމާއެކު އަންހެން ކުދިންތަކެއްގެ ސަގާފީ ލަވައަކުން ވަނީ މަރުހަބާ ކިޔާފައެވެ.

މީގެ ކުރިން 2012 ވަނަ އަހަރުވެސް މޯލްޑިއަންއިން ވަނީ ހުސް އަންހެން ކުރޫއިންއާއެކު ދަތުރެއްކޮށްފައެވެ. އެފަހަރު ދިޔައީ ފުވައްމަލަކަށެވެ.

އައިލެންޑް އޭވިއޭޝަންގެ އެކި އޮފީސްތަކުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިއަދު ކުރިއަށްގެންދިޔައެވެ.