08 Mar 2017, 16:38
އަންހެނުންނަށް ހައްގުތައް ނުލިބިގެން ޝަކުވާ ކުރުމުގެ ބަދަލުގައި ހައްގުތައް ހޯދުމުގެ ގާބިލުކަން އިތުރު ކުރަންޖެހޭ ކަމަށް މޯލްޑިވްސް ޑިވަލޮޕްމެންޓް އެލައަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޑީއޭގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ރަފިއްޔާ ވިދާޅުވީ، އިސްލާމްދީނުގައި އަންހެނުންނާ ފިރެހެނުންނަށް އެއް ހަަަމައެއްގައި ހައްގުތައް ލިބިގެންވާކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރަންޖެހޭ ކަމަށެވެ .އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްސަފެއްގައި ހައްގުތައް ލިބިގެންވާ ކަމަށް ރަފިއްޔާ ވިދާޅުވެފައިވެ އެވެ.
"ޤާބިލިއްޔަތު ހުރިބަޔަކަށް އަޅުގަނޑުމެންނަށް ވެވޭނީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން، ޢިލްމީ ގޮތުންނާއި، ހިލްމީ ގޮތުން، ޞިއްޙީ ގޮތުންނާއި، ފިކުރީ އަދި މަޢުނަވީ ގޮތުން ވެސް ޤާބިލްބަޔަކަށް އަޅުގަނޑުމެން އަންހެން ކަނބަލުން ވެގެން،" ރަފިއްޔާ ފާހަގަކޮށްފައިވެއެވެ.
މުޖުތަމުގައި އަންހެނުންނަށް ބައެއް ހައްގުތައް އެންމެ ފުރިހަަމައަށް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެކަން ކަމަށް އޮތް ހައްލަކީ ހައްގުތައް ހޯދުމަށް މުޖުތަމައުގައި ޝިކާޔަތު އުފުލުން ނޫންކަން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް ރަފިއްޔާ ވަނީ ވިދާޅުވެފަ އެވެ.
އަންހެނުންގެ ހައްގުތައް ހޯދައިދީ ފިރެހެނުންނާއެކު އެއް ސަފެއްގައި ބަސްކިޔޭނެ ބަޔަކަށް އަންހެނުން ހެދުމަަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާކަން ފާހަގަކޮށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރަފިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
ރަފިއްޔާ ވިދާޅުވީ، ހައްގުތައް ނުލިބިގެން މުޖުތަމައުގައި ބާކީވެ ނުތިބެ، އެ ހައްގުތައް އާރާސްތު ކުރުމަށް އަންހެން ކަނބަލުން އާ އަޒުމަކާ އެކު އެންމެ ކުރީ ސަފަށް ނުކުތުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ހުއްދަ ނޫން ޝަހުވަތްތަކުން ދުރުވެ، ދެއްކުންތެރިކަމަށް ނަފުރަތުކޮށް ހަޔާތުގައި ދިމާވާ ކަންކަން ފަސޭހަކަމާ އެކު ރާވަން އެނގޭ ފަދަ އިލްމީ ބަޔަކަށްވެގެން ކަމަށް ވެސް ރަފިއްޔާ ވަނީ ފާހަގަކޮށްފައެވެ.