08 Mar 2017, 16:22
ފުވައްމުލަކު ސިޓީގެ ބޭރުގައި އޮންނަ ޑައިވިންގް ޕޮއިންޓަކަށް ފީނަން ފޭބުމަށް ފަހު ހަބަރެއް ނުވި ފަތުރުވެރިޔާ ގެއްލުނު ސަރަހައްދުން ޑައިވިން ޖެކެޓަކާއި ޑައިވިން ފުޅިއެއް އޮޔާދަނިކޮށް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ، އެ ތަކެތި ފެނިފައި ވަނީ ފުވައްމުލަކު "ދަނޑިމަގު ފަންނު"އާ ގާތްގަނޑަކަށް 50 މީޓަރު ބޭރުން ދަތުރުކުރަމުން ދިޔަ މަސް ދޯންޏަކަށް މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ.
އޮޔާދަނިކޮށް ފެނުނު އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެޑީއެފް ކޯސްޓްގާޑަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީގެ ބޭރުގައި އޮންނަ ފުވައްމުލަކު ތިލަ ނަމަކަށްކިޔާ ޑައިވިންގް ޕޮއިންޓުގައި އޮތް ސަފާރީއަކުން 20 މީހުންނާ އެކު ޑައިވިން އަށް ފޭބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ 45 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އޭނާގެ ގައުމެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މިމަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު ގެއްލުނު ފަތުރުވެރިޔާ ލައިގެން ހުރީ އަޅިކުލައިގެ ރޭސްގާޑް (ޑައިވް ޓީޝާޓް)އެއް ކަމަށާއި އަދި ކަޅުކުލައިގެ މާސްކެއް އަޅާފައިވާ އިރު، އޭނާ އަރައިގެން ހުރީ ކަޅުކުލައިގެ ފިންސަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
ފަތުރުވެރިޔާ ގެއްލުނުތާ ހަތަރު ދުވަސް ވެފައިވާ އިރު، ފަތުރުވެރިޔާގެ އެއްވެސް ހަބަރެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަދި އޭނާ ހޯދަން މޯލްޑިވިއަންގެ ސީ ޕްލޭން ބޭނުންކޮށްގެން ވައިގެ މަގުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.