ސޯލް (މާޗް 8): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ ދަރިފުޅު ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

ޔޫޓިއުބަށް އަޕްލޯޑުކޮށްފައިވާ 40 ސިކުންތުގެ ވީޑިއޯއިން ފެނިގެންދަނީ އުތުރު ކޮރެއާގެ 'ކިމް އާއިލ'ާއަށް ނިސްބަތްވާ ކިމް ހަން ސޮލް ކަމަށް ބުނާ މީހެކެވެ. އަދި އެ މައުލޫމާތު ސެންސަރުކޮށްފައިވާ އުތުރު ކޮރެއާގެ ޕާސްޕޯޓެއް ވެސް އޭނާ ދައްކަ އެވެ.

"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑުގެ ބައްޕަ ވަނީ އަވަހާރަކޮށްލާފައި. މިވަގުތު އަޅުގަނޑު މިހިރީ އަޅުގަނޑުގެ މަންމަ އާއި އަންހެން ކޮއްކޮއާ އެކު. އަދި އަޅުގަނޑު ވަރަށް ޝުކުރުވެރިވަން..." އެހާހިސާބުން ވީޑިއޯ އާއި އޯޑިއޯ ވަނީ ސެންސަރުކޮށްފަ އެވެ.

ވީޑިއޯ ނިމެނީ 'މިހާރު ހިނގަމުންދާ ކަންތައްތައް ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރާ' ކަމަށް ވީޑިއޯއިން ފެނިގެންދާ މީހާ ބުނާ ހިސާބުންނެވެ.

ިްމިދިޔަ މަހުގެ 13 ވަނަ މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ފަހުން އޭނާގެ ހަށިކޮޅު އޮތީ އެގައުމުގަ އެވެ. އަދި އޭނާގެ ހަށިކޮޅާ ހަވާލުވާން ދޮށީ ދަރިފުޅު ކިމް ހަން ސޮލް މެލޭޝިއާއަށް ދިޔަ ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެކަން ޔަގީންވެފައި ނުވެ އެވެ.

އެވީޑިއޯ އަޕްލޯޑުކޮށްފައި ވަނީ މިމަހުގެ މިމަހުގެ ހަތަރު ވަނަ ދުވަހު ހަދާފައިވާ ޗޮއްލިމާ ސިވިލް ޑިފެންސ (ސީސީޑީ) ކިޔާ ޔޫޓިއުބް އެކައުންޓަކުންނެވެ. ދެކުނު ކޮރެއާގެ ޔޮންހަޕް ނޫސް އޭޖެންސީން ބުނާ ގޮތުގައި ސީސީޑީއަކީ އުތުރު ކޮރެއާ ދޫކޮށްދާން ބޭނުންވާ މީހުންނަށް އެހީތެރިވެދޭ ގުރޫޕެކެވެ.

އަދި ސީސީޑީގެ ވެބްސައިޓުގައިވާ ގޮތުން ކިމް ޖޮންގެ ނަމްގެ އާއިލާގެ އެދުމުގެ މަތިން އެގުރޫޕުން ވަނީ އެއާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. ނަމަވެސް އެއާއިލާ މިހާރު ތިބި ތަނަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ނުދޭނެ ކަަމަށާއި އެއީ އެކަމާ ބެހޭ ގޮތުން އެގުރުޕޫން ނެރޭ އެންމެ ފުރަތަމަ އަދި އެންމެ ފަހު ބަޔާން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެގުރޫޕުން ވަނީ ކިމްގެ އާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިން ނެދަލޭންޑްސް އާއި ޗައިނާ އާއި އެމެރިކާ އާއި 'ނަން ހާމަ ކުރެވެން ނެތް' ސަރުކާރަކަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ވަނީ އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ އަންހެނެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި އެމައްސަލައިގައި އުތުރު ކޮރެއާގެ ދެ އޮފިޝަލަކާ ސުވާލު ކުރާނެ ކަމަށާއި، ހަމަ އެގައުމަށް ނިސްބަތްވާ އިތުރު ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. (ބީބީސީ)