ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރަމުންދާ 19 މިސްކިތެއްގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން 'ސަން' އާ ހިއްސާކުރި ބައެއް މައުލޫމާތުތަކުގައިވާ ގޮތުން، ނިމިދިޔަ އަހަރުގެ ތެރޭގައި ހަތް މިސްކިތެއްގެ މަސައްކަތް ނިންމާ ރަސްމީކޮށް ވަނީ ހުޅުވާފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ސައުދީ ސަރުކާރުން ބިނާ ކޮށްދެއްވި ހަތަރު މިސްކިތަކާއި ދައުލަތުގެ ބަޖެޓުން ބިނާކުރި ތިން މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ 13 އަތޮޅެއްގައި ބިނާކުރަމުންދާ 19 މިސްކިތެއްގެ މަސައްކަތް ނިމޭނެ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫގައި އިމާރާތް ކުރަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް ހިމެނެއެވެ.

ރަމަޟާން މަހަށް ބިނާކޮށް ނިމޭނެ މިސްކިތްތައް: ށ. ފީވަށް، ށ. ނަރުދޫ، ށ. ނަރުދޫ، ށ. ފޭދޫ، ނ. ޅޮހި، ނ. މާޅެންދޫ، ހދ. ނައިވާދޫ، ރ. މީދޫ، ޅ. ނައިފަރު، އދ. އޮމަދޫ، ލ. މައިބައިދޫ، ލ. ކުނަހަންދޫ، ދ. މީދޫ، ގދ. ތިނަދޫ އިސްލާމިކް ސެންޓަރު، ގދ. ވާދޫ، ފ. ދަރަބޫދޫގެ އިތުރުން ބ. ކިހާދޫ، ހއ. ތަކަންދޫ އަދި މ. މުލަކެވެ.

އެ މިސްކިތްތަކުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކޮށްފައި ހުރި މިސްކިތްތައް ވެސް ހިމެނެ އެވެ. ނަމަވެސް ނިންމަން ކަނޑައަޅާފައިވާ ތާރީހު ކައިރިވުމުން މުއްދަތު އިތުރު ކޮށްދިނުމަށް ކޮންޓްރެކްޓަރުން އެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި، ނިމިދިޔަ އަހަރާއި މިއަހަރު ނިމި ރަސްމީކޮށް ނުހުޅުވި 11 މިސްކިތެއް އެބަ ހުއްޓެވެ.