ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް ޑެންގޫ ހުން ފެތުރި، އެބަލި ޖެހިގެން 48 ގަޑިއިރުތެރޭ ހަތަރު ކުއްޖަކު މަރުވެފައިވާއިރު، އެ ހުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް )އެޗްއާރްސީއެމް( އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، "ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ޑެންގީ ހުން އާއްމުވެ، އެތައް ކުއްޖެއްގެ ފުރާނަ ގެއްލި، ހަލުވިކަމާއެކު މި ރޯގާ ފެތުރެމުންދާ އިރު އަވަސް ސިއްހީ ހިދުމަތް ނުދެވޭތީ އާއި ޑެންގީ ހުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ކަމާބެހޭ ފަރާތްތަކަށް އެޅިފައިނުވާކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް" ކަމަށެވެ.

އެކޮމިޝަނުގެ ނޫސްބަޔާނުގައިވަނީ ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަަން ފާހަގަކޮށް، އެ ހައްގު ރައްކާތެރިކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްކަން ހަނދާންކޮށްދީފައިވެ އެވެ.

އަދި ޑެންގޫ ފަދަ ނުރައްކާ ރޯގާ އެއް ގައުމުގައި ފެތުރި އާއްމުވަމުންދާއިރު އަވަސް ފަރުވާ ދެވޭނެ ނިޒާމެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށާއި އަދި އެކަމާ ގުޅޭ މައުލޫމާތު އާއްމުކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި މަދިރި ކޮންޓްރޯލްކުރުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް އަޅަން ޖެހޭ ކަމަށް އެކޮމިޝަނުން ބުންޏެވެ.

"އަދި ކޮންމެ އަހަރަކު ވިއްސާރަ މޫސުމުގައި ޑެންގީ ހުން ފެތުރެމުންދާތީ، މިކަމަށް ދުރާލާ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ރޭވުންތެރި ކަމާއެކު ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް ވެސް މިކޮމިޝަނުން ގޮވައިލަމެވެ." އެކޮމިޝަނުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެފަދަ ރޯގާ ތަކުން ރައްކާތެރިވުމަށް ރައްޔިތުން "ސަމާލުވެ، ޒިންމާދާރުކަމާއެކު" މަސައްކަތްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވެ އެވެ.