08 Mar 2017, 15:00
އަނިޔާވެރި ގޮތަކަށް މަރާލާލި، ވ. ރަކީދޫ، ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ މުހައްމަދު ރަޝީދާއި މުހައްމަދު ޝަކީބުގެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ރަޝީދު އާއި ޝަކީބުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ހަވާލާދީ ކުރީގެ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
އެ ދެމީހުންގެ މައްސަލާގައި ޖަވާބުދާރީވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގާފައި ނުވާތީ ކަމަށްބުނެ އެކަން ފާހަގަކޮށް އެ މައްސަލަ ކުރިއަށް ގެންދެވޭތޯ ނުވަތަ ނޫންތޯ ބަލައި ދިނުމަށް ދެ ފަރާތުގެ ވަކީލުން އެދިލެއްވި އެވެ.
އޭގެ އިތުރުން އެޗްއާރުސީއެމްގެ ތަހުގީގަށް ބަޔާން ނަގައި، ތަހުގީގު ނިންމާލާފައިވަނީ ވެސް އެ ދެމީހުންނާމެދު ތުހުމަތެއް ކުރެވިފައިވާކަން ބުނެ ނުދީ ކަމަށެވެ.
ދައުލަތުގެ ވަކީލު މަރްޔަމް ނިހާޔަތު އެކަމަށް ރައްދުދީ ވިދާޅުވީ، ކުރީގެ މުހައްމަދު ނަޝީދުގެ މައްސަލަ ތަހުގީގު ކުރީވެސް އެޗްއާރުސީއެމުން ކަމަށާއި، އެޗްއާރުސީއެމްއަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮންނަ ކޮމިޝަނެއް ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރީ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ކަމަށް ފާހަގަ ކުރެއްވި އެވެ.
ރައްދުގައި ރަޝީދުގެ ވަކީލު، އަލީ އަހްމަދު ވިދާޅުވީ، ޕީޖީވެސް އަމުރު ކުރެއްވޭނީ ތަހުގީގު ހިންގުމުގެ ބާރު އޮތް ބައެއްގެ މައްޗަށް ކަމަށެވެ. އަދި އެފަދަ ބާރެއް ނެތް ބައެއްގެ މައްޗަށް ކުރާ އަމުރެއް ބާތިލް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހު އަޑުއެހުމެއް ކުރިއަށް ގެންދާނެ ކަމަށާއި، އެ ދުވަހު މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައިފި ނަމަ، ހެކި ހުށަހެޅުން އޮންނާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުގެ ފަސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިއަދު 11:00 ގައި ބޭއްވުމަށް ތާވަލު ކުރި، ހާދިސާ ހިނގި އިރު ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތް ކުރި ގދ. ފިޔޯރީ ބޯޗްހެވަން އަހުމަދު ޝުޒާދުއާއި، ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ކުރިން މަސައްކަތް ކުރި ވ. ފެލިދޫ ނަލަހިޔާ އާމިނަތު ޝިޔާޒާގެ މައްސަލަ ކެންސަލްކޮށްފަ އެވެ.
އެ ދެމީހުންގެ އިތުރުން އެ މައްސަލާގައި ދައުވާ ލިބެނީ، ހާދިސާ ހިނގި އިރު ފުލުހުންގެ ވ. އަތޮޅު ކޮމާންޑަރަކަށް ހުރި ބ. އޭދަފުށީ މާބަގީޗާގޭ ލިސާން އަބޫބަކުރުގެ މައްޗަށެވެ.