މާލޭ ލީގުގެ ޝެޑިއުލް ރޭވިފައިވާގޮތާއި މުބާރާތުގެ ބައެއް މެޗުތައް ކުޅެން ޖެހޭ ވަގުތާމެދު އެ މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކޯޗުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މާލޭ ލީގުގައި މި ހަފްތާގައި ކުރިއަށްދާ މެޗުތަކުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ލީގުގައި ވާދަކުރާ ގިނަ ޓީމުތަކުގެ ކޯޗުންވަނީ ލީގުގެ ޝެޑިއުލް ރޭވިފައި އޮތް ގޮތާއި ބެއެއް ޓީމުތައް ފުރަތަމަ ބުރުގައި ކުޅޭ ގިނަ މެޗުތައް ހަވީރު ކުޅެން ޖެހުމާއި އަނެއްބައި ޓީމުތައް ގިނައިން ރޭގަނޑު ކުޅެން ޖެހުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ޓީމުތަކަށް ކުރާނެ ކަމަށް ބުނެ ފާޑުކިޔައިފައެވެ.

އެވާހަކަ އެންމެ ބޮޑަށް ފާހަގަކުރީ ލީގުގައި މާދަމާ ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހްމަދު އާތިފް (އާތި)އެވެ. އާތި ބުނީ ލީގުގައި މެޗުތައް ރޭވިފައި އޮތް ގޮތުން އެއްބަޔަކަށް ފައިދާވެފައި އަނެއްބަޔަކަށް ގެއްލުން ވުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ލީގުގައި ބައެއް ޓީމުތައް ދެ މެޗު ނުވަތަ ތިިން މެޗު ކުޅޭ ފަހުން އަނެއްބައި ޓީމުތައް ފުރަތަމަ މެޗު ކުޅުމަކީވެސް އިންސާފެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އަށް ޓީމު އޮންނައިރު ބެލެންސެއް އޮންނަންވާނެހެން. ހުރިހާ ކޯޗުންވެސް އެބަ ބުނޭ ހަވީރު މެޗު ކުޅެންް ވަރަށް އުނދަގުލޭ. ޓީމުތަކަށް އެންމެ ރަނގަޅަަށް ޕަފޯމް ނުކުރެވޭ ނަމަވެސް، މި ބުރުގައި ވެސް ޔޫވީއަށް އެބައޮތް ފަސް މެޗު ހަވީރު، ރޭގަނޑު ދެ މެޗު. ފުރަތަމަ ތިން މެޗު ހަވީރު މިބުނާ ޕަފޯމް ނުކުރެވޭ ގަޑީގައި މިއޮތީ. މިއީ ދެރަކަމެއް، ބެލެންސް ވާން ޖެހޭނެ،" އޭނާ ބުންޏެވެ.

އާތި ބުނީ، އަށް ޓީމު އޮންނައިރު މުބާރާތް އިންތިޒާމްކުރާ ފަރާތުން މެޗުތައް ކުޅޭ ވަގުތާއި އުސޫލުތައް ބެލެންސް ކުރެވެން ޖެހޭނެ ކަމަށެވެ.

ޔޫވީއާ ދެކޮޅަށް ނުކުންނަ ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓެވަރޭސްވެސް ވަނީ މާދަމާގެ މެޗު ހަވީރު ކުޅެން ޖޭހޭތީ ރޭގަނޑު ދައްކާ ކުޅުން ނުދެއްކިދާނެ ކަމަށް ބުނެފައެވެ. ޓަވަރޭސް ބުނީ، ހަވީރު ކުޅޭ މެޗުގައި ވަރަށް ހޫނު ގަދަވާނެ ކަމަށާއި އޭގެ ސަބަބުން ކޮންމެވެސް އަސަރުތަކެއް ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.

މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީވެސް ވަނީ ހަވީރު މެޗު ކުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެފައެވެ. އޭނާ ބުނީ، ހަގީގަތުގައިވެސް ރާއްޖެފަދަ ހޫނު ތަނެއްގައި ހަވީރު ކުޅެން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އީގަލްސްއާ ބައްދަލުކުރި މެޗުގައި އެންމެ ރަނގަޅު ނަތީޖާ ނުނެރެވުނީ އެ ސަބަބަށްޓަކާ ކަމަށްވެސް ވެދާނެ ކަމަށެވެ.

"ވަރަށް އުނދަގޫ މިތާ ހަވީރު ކުޅެން، ބައެއް ޓީމުތަކަށް އެނގޭނީ އެގަޑީގައި މެޗެއް ކުޅުނީމަ ވާ އުނދަގޫ،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ އެހެން ބުނި ނަމަވެސް، މާޒިޔާ މާލޭ ލީގުގައި ގްރީން ސްޓްރީޓާ ދެކޮޅަށް ނުކުންނާނީ މާދަމާރޭ 9:00 ގައެވެ.

ހަވީރު މެޗު ކުޅެނެ ޖެހުމާއި މެޗުގެ ޝެޑިއުލް ރޭވިފައިވާ ގޮތުން ވާނެ އުނދަގޫތަކާއި ގުޅޭ ގޮތުން އެންމެ ބޮޑަށް ވާހަކަދެއްކި އެއް ކޯޗަކީ އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި)އެވެ. ސާންތި ބުނީ، ހަގީގީ ޕްރެޝަރަކީ ލީގުގައި އީގަލްސްއިން 3 މެޗު ކުޅޭ އިރު އެއްވެސް މެޗެއް ނުކުޅޭ ޓިމުތައްވެސް ތިބުން ކަމަށެވެ. އޭނާ ބުނީ މިއީ މުބާރާތެއްގައި ވަރަށް ބޮޑު އެޑްވާންޓޭޖެއް ނެގިދާނެ ކަމެއް ކަމަށެވެ.

"އީގަލްސްއާއި ވިކްޓަރީގެ ތިންވަނަ މެޗު މިއީ. ލީގުގައި ބައެއް ޓީމުތައް އަދި އެއްވެސް މެޗެއް ނުކުޅޭ. ދެން މިއީ ވަރަށް ބޮޑު އެޑްވަންޓޭޖްވެސް ނެގޭނެ ކަންކަން. ނަމަވެސް މިކަމާ ވިސްނާ ބަޔަކަށް އެނގޭނީ،" އޭނާ ބުންޏެވެ.

ސާންތި ބުނީ، މިހާރު ލީގު އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށާއި އަދި މިވަގުތަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީވެސް އެއީ ކަމަށެވެ.

ކޯޗުންގެ އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް(ޖަވާ) ވިދާޅުވީ، ހަވީރު މެޗުތައް ކުޅެން ޖެހޭތީ އެކަމުގެ ނޭދެވެ އަސަރު ޓީމުތަކަށް ކުރާކަން އެފްއޭއެމްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް ދަނޑުގެ ލައިޓް ތަކުގައި މައްސަލަ އުޅޭތީ ހުރިހާ މެޗެއް މިވަގުތު ރޭގަނޑަށް ބަދަލު ކުރެވެން ނެތީ ކަމަށެވެ. އަދި ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދަނޑުގެ ލައިޓްތައް އެންމެ ރަނގަޅު ކޮންޑިޝަނަކު ނޫންހުރީ. އެހެންވެ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މެޗު ކުޅެމުންދަނިކޮށް ލައިޓްތަކުގެ މައްސަލަ ޖެހިއްޖެއްޔާ މާދެރަ ނޫންތޯ. ލައިޓްތައް ރަނގަޅު ކުރެވުނުހާ އަވަހަކަށް މެޗު ކުޅޭ ގަޑިތަކަށް ބަދަލު ގެންނާނަން،" އޭނާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ، މެޗުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލަކީ އިންޓަނޭޝަނަލް މުބާރާތްތަކަށް ރާއްޖޭގެ ބައެއް ކުލަބުތައް ދާން ޖެހުމާއި ބައެއް އިންޓަނޭޝަނަލް މުބާރާތްތަކުގެ ޝެޑިއުލްއަށް ބަދަލުތަކެއް އައިސް ދިވެހި ބައެއް ޓީމުތައް ވާދަކުރާ މެޗުތައް ލަަސްވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

މާލޭ ލީގުގައި މާދަމާ ދެ މެޗު ކުޅެން ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭނީ ޔޫވީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކަލްބެވެ. މާދަމާރޭގެ މެޗުގައި މާޒިޔާއާއި ގްރީން ސްޓްރީޓް ބައްދަލުކުރާއިރު، ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ވިކްޓަރީއާއި އީގަލްސްއެވެ. އަދި ހުކުރު ދުވަހުގެ ރޭގެ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާއާއި ޓީސީ ސްޕޯޓްސް ކުލަބެވެ.